މިދިޔަ ސަރުކާރުން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް އެމެރިކާ އާއި ޖަޕާނު ސަރުކާރުގެ ލަފާ ހޯއްދަވަމުން ގެންދަވާ ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ދަ ހިންދޫ ނޫހަށް ދިން އިންޓަވިއުއެއްގައި ޝާހިދު ވިދާޅުވީ ރާއްޖެއިން ނަގާފައިވާ ބައެއް ލޯނު ތަކަކީ އިންޓަރެސްޓް ރޭޓް ބޮޑު ލޯނު ތަކެއް ކަމަށެވެ. ލޯނުތައް އަދާ ކުރުމަށް ޖަޕާނުގެ ސަރުކާރުންނާއި އެމެރިކާގެ ޓްރެޝަރީ އިން ފިނޭންސް މިނިސްޓްރީއަށް ލަފާ އަރުވަމުން ދާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަވައްޓެރި ގައުމުތައް ކަމަށްވާ އިންޑިއާ ސްރީލަންކާ އަދި މެލޭޝިއާއިން ލޯނުގެ ދަރަނިތައް އަދާ ކުރުމަށް ބަލާ ކަންތައްތައް ރާއްޖޭގެ ލޯނުތައް އަދާކުރުމަށް ތަޖުރިބާއެއްގެ ގޮތުގައި ރާއްޖެއިން ބަލާނެ ކަމަށް ވެސް ޝާހިދު އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުގައި ވިދާޅުވިއެވެ.
ސަރުކާރު ކޯލިޝަންގެ ތެރޭގައި އޮތް ޚިޔާލު ތަފާތުވުންތަކާއި ގުޅޭގޮތުން ދަ ހިންދޫ ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހިދު ވިދާޅުވީ އޭނާ ގަބޫލު ކުރައްވާގޮތުގައި މާޒީގައި ހެދުނު ގޯސްތައް ތަކުރާރުވެ ނުދިއުމުގެ ތަޖުރިބާ ސަރުކާރު ކޯލިޝަންގައި އެބަހުރި ކަމަށެވެ. ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބުނު ކަމުގައި ވިއަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުން ފުޅަކީ އެއް ޕާޓީއަކުން ވެރިކަން ކުރެއްވުން ނޫން ކަމަށެވެ. ރިޔާސީ އިންތިޚާބުގައި ރައްޔިތުން ވޯޓު ދިނީ ކޯލިޝަނަށް ކަމަށާއި އެހެން ކަމުން ކޯލިޝަން ދެމެހެއްޓުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އިންޑިއާއާއި ރާއްޖެއާއި ދެމެދު ގާއިމު ވެފައިވަނީ ވަރަށް ބަދަހި ގުޅުމެއް ކަމަށެވެ. އެގޮތުން ދެ ގައުމަށް ވެސް ދެގައުމަށް ފައިދާ ހުރި ކަންތައްތަކުގައި އެހީތެރިކަމާއި އެއްބާރުލުން ލިބެމުން ދާކަމަށް ވިދާޅުވިއެވެ.
އަވައްޓެރި ސްރީލަންކާއަށް މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާއި ބެހޭ ގޮތުން ވެސް ޝާހިދު ވާހަކަ ދެއްކެވިއެވެ. ޝާހިދު ވިދާޅުވީ ލަންކާއަށް ދިން ނުރައްކާތެރި ހަމަލާއިން ސަލާމަތް ވެވޭނީ ހުރިހާ ގައުމެއް އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ. އަދި ރާއްޖެއިން އަބަދު ވެސް ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށާއި އެންމެން އެކީގައި މަސައްކަތް ކޮށްފި ކަމުގައިވާނަމަ ޓެރަރިޒަމްގެ ނުރައްކަލުން ސަލާމާތް ވާނެކަމަށް ވިދާޅުވިއެވެ.
ރާއްޖޭގެ ބައެއް ފަރާތްތަކުން ސީރިއާއަށް ގޮސް އެގައުމުގައި ކުރަމުންދާ ހަނގުރާމައިގައި ބައިވެރިވާ ކަމަށާއި އޭގެތެރެއިން ބައެއް މީހުން މަރުވެފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ ސީރިއާއަށް ދިވެހިންދާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ރާއްޖެއިން ބަލަމުންދާ ކަމަށެވެ.