މަގުމަތި ސާފުތާހިރުކޮށް ބެލެހެއްޓުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެކެވެ. އެއީ އެތަނެއްގައި ވަޒަންވެރިވެފައިވާ މީހުންނާއި ދިރިއުޅުމެންދާ ކޮންމެ މީހެއްގެ ވެސް ޒިންމާއެކެވެ. ދާދި ފަހުން މާލެ ސިޓީ ކައުންސިލުން ވަނީ މަގުމައްޗަށް ކުޅު ޖެހުން މަނާ ކަމެއްގެ ގޮތުގައި ކަނޑައެޅުމަށް ހުށަހަޅާފައެވެ. މި ހުށަހެޅުމުގައި ބުނެފައި ވަނީ މާލެ ސިޓީގެ މަގުމައްޗަށް އާންމުކޮށް މާލޭގައި ދިރިއުޅޭ ބިދޭސީން، ޚާއްސަކޮށް ގިނަ އަދަދަކަށް ބަންގުލަދޭޝް މީހުން ކުޅު ޖަހަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެންކަމުން އުފެދެމުންދާ ބަލިމަޑުކަން ކަމަށް ހައްލެއް ގެނައުމަށާއި މާލެ ސިޓީގެ މަގުތަކަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރާ މަސައްކަތުގެ ތެރެއިން މަގުތަކަށް ކުޅު ޖެހުމަކީ މަނާ ކަމެއް ކަމަށް ނިންމުމަށް ހުށަހަޅާފައިވާ ކަމަށެވެ.
މާލެ ސިޓީ ކައުންސިލްގެ އެ ބަޔާނާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ކައުންސިލަށް އަމާޒުވެގެން ދިޔައެވެ. އެއީ މަގުމައްޗަށް އާންމުކޮށް ކުޅުޖަހަނީ އާންމުކޮށް ބިދޭސީން އެކަނި ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ބަޔާންކޮށްފައި ވުމުންނެވެ. ނަމަވެސް ހަޤީޤަތަކީ މަގުމައްޗަށް ކުޅު ޖަހަނީ ބިދޭސީން އެކަނި ނޫން ކަމެވެ. ދިވެހިން ވެސް މަގުމައްޗަށް ކުޅު ޖަހާކަމެވެ. ހޮޓާހޮޓަލުން ނުކުމެ، ރަތްކުޅު ޖަހަނީ ވެސް ދިވެހިންނެވެ. ކޮންމެ މީހަކު ކުޅު ޖެހިކަމުގައިވިޔަސް އަނގައިން އެ ބޭރުވުމަށްފަހު އެ ވެގެންދަނީ ނަޖިހަކަށެވެ. ނަމަވެސް އެއްވެސް ދިރާސާއެއް ކުރުމަކާ ނުލައި، މަގުމައްޗަށް އެންމެ ގިނައިން ކުޅުޖަހަނީ ބިދޭސީންކަމަށް ބުނެ، އެ މީހުން ކުށްވެރި ކުރުމަކީ ހައްލެއް ނޫނެވެ.
މަގުމައްޗަށް ކުޅު ޖެހުމާއި ބެހޭ ގޮތުން ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ބަލިމީހެއްގެ ގޮތުގައި ހުރެ ކުޅުޖަހަންޏާ އެއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި ވާރޭވެހޭއިރު އެ ކުޅުން އުފެދޭ ޖަރާސީމު ފެތުރޭނެ ކަމަށެވެ.
"އިޖްތިމާއީ ގޮތުން ވެސް އެއީ ރައްކާތެރިކަމެއް ނޫން، މާލޭގައި ދިވެހިން ވެސް އަދި ބިދޭސީން ވެސް ދުފާ ހަދާ، ވަކި ބަޔަކަށް އަމާޒުކޮށްފައެއް އެހެން ނުބުނެވޭނެ އަސްލު. ކޮންމެ ބައެއް ކުރިޔަސް އެއީ ގެއްލުން ހުރި ކަމެއް،" ޑރ. އަފްޒަލް ވިދާޅުވިއެވެ.
އިންސާނީ ހައްޤުތަކަށް ވަކާލާތު ކުރާ ޖަމިއްޔާއެއް ކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރ އަހުމަދު ތޮލާލް ވެސް ސިޓީ ކައުންސިލްގެ ބަޔާނުގައި ހަމައެކަނި "ބިދޭސީން" ކުޅު ޖަހާ ކަމަށް ފާހަގަކޮށްފައިވުން އެކަމާ ގުޅޭ ގޮތުން އޭނާގެ ފޭސްބުކް ޕޯސްޓެއް މެދުވެރިކޮށް ނުރުހުން ފާޅުކޮށްފައެވެ.
"މިއީ ފުރަތަމަ ފަހަރެއް ނޫން ކައުންސިލަކުން ބިދޭސީންނަށް އަމާޒުކޮށްގެން އަމަލުކުރި، މީގެ ކުރިން އެބަހުރި ތަފާތު އެކި ގޮތްގޮތަށް މަސައްކަތް ކުރެވިފައި، ބިދޭސީންނާމެދު އަސްލު ވަރަށް އިހާނެތިކޮށް އަމަލުކުރެވިގެންދަނީ. އިންސާނުންގެ ދަރަޖަ ކަނޑުވާލާ ކަހަލަ ގޮތަކަށް އަސްލު އެކަން އެކުރީ، ވަކި ނަސްލެއްގެ ވަކި ޤައުމެއްގެ ބަޔަކަށް ތަފާތުކުރުމަކީ ބަޔަކު އިންތިހާބު ކޮށްފައިވާ ބަޔަކު އެހެން ކުރުމުން ވަރަށް ދެރަ، އެކަން އަޅުގަނޑު ވަރަށް ބޮޑަށް ކުށްވެރި ވެސް ކުރާކަމެއް،" ތޮލާލް ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން ހުށަހެޅި އެ ހުށަހެޅުމާ ގުޅޭ ގޮތުން މައްޗަންގޮޅި ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ޒަމީރު ވިދާޅުވީ އެ އިސްލާހު އެޖެންޑާ ކުރި ނަމަވެސް، އޭގެ ޤާނޫނެއް 2010 ވަނަ އަހަރު އޮތުމުން އެ އިސްލާހު ނެގި ކަމަށެވެ. އަދި ކުރި ދިރާސާތަކުން ބިދޭސީންތައް ދިރިއުޅޭ ތަންތަނުގައި ބަލިތައް ވެސް ގިނަވަމުންދާ ކަމަށެވެ.
"ރާއްޖޭގައި ގިނައީ ބިދޭސީން އެހެންވެ ކުރި ދިރާސާތަކުން އެމީހުން ދިރިއުޅޭ ތަންތަނުގައި ބަލިތައް ވެސް ގިނަ. އެމީހުން ހުރިހާ ކަމެއް އެ ކުރަނީ" ޒަމީރު ވިދާޅުވިއެވެ.
ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ ބިދޭސީން ވިޔަސް އަދި ދިވެހިން ވިޔަސް މަގުމައްޗަށް ކުޅު ޖަހަންޔާ އެއީ ވަރަށް ހަޑި ހުތުރު އަމަލެއް ކަމަށެވެ. ގިނަ މީހުން މަގުމަތިން ހިނގަމުންދާއިރު ވެސް ފަހަތުގައި މީހަކު ހުރިތޯ ނުވަތަ ނެތްތޯ ވެސް ބަލާނުލައި މަގުމައްޗަށް ކުޅު ޖަހަމުންދަނީއެވެ. މި ހަޑިހުތުރު އަމަލު ބިދޭސީއެއްކަމުގައިވިޔަސް އަދި ދިވެއްސެއްކަމުގައި ވިޔަސް ހުއްޓަން ޖެހެއެވެ. މަގުމައްޗަށް ކުޅު ޖަހަނީ ބިދޭސީން އެކަންޏެއް ނޫނެވެ.