އެމީހަކަށް ލިބިފައިވާ ބާރާއި އިޙުތިޔާރުގެ ތެރެއިން ކޮންމެ މުންކަރާތެއްވެސް މަނާކުރަން ޖެހޭނެ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
"ހެއު ކަންތައްތަކަށް އަމުރު ކުރުމާއި މުންކަރާތްތައް މަނާކުރުން" މި މައުޟޫގެ މައްޗަށް ބިނާކޮށްފައިވާ ޚުތުބާގައި ބުނީ، ބާރާއި އިހުތިޔާރު ލިބިގެންވާ ފަރާތެއްނަމަ މުންކަރާތްތައް މަނާ ކުރުމުގައި ބާރުގެ ބޭނުން ކުރެވިދާނެ ކަމަށާއި، މުންކަރާތްތައް މަނާ ކުރުމުގައި 3 ހާލަތެއް އޮންނަ ކަމަށެވެ.
ފުރަތަމަ ހާލަތަކީ އަތުން މަނާ ކުރުމުގެ ހާލަތު، އެއީ ބާރުގެ ބޭނުން ކުރުމުގެ ހާލަތު، އެހެންކަމުން ބާރާއި އިހުތިޔާރު އޮންނަ ފަރާތްތަކަށް މުންކަރާތް މަނާ ކުރުމުގައި ބާރުގެ ބޭނުން ކުރެވޭނެ. ގޭތެރޭގައި ވިޔާނުދާ އަމަލެއް ހިންގާނަމަ ގޭގެ ވެރިފަރާތަށް އެކަން ހުއްޓުވޭނެ. ޤައުމުގައި ހިންގާ މުންކަރާތްތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހުއްޓުވަން ޖެހޭނެ، ދެވަނަ ހާލަތަކީ ދުލުން މަނާ ކުރުމުގެ ހާލަތު.
ޚުތުބާގައި ބުނީ، ބާރުގެ ބޭނުން ކޮށްގެން މުންކަރާތްތައް ނުހުއްޓުވޭ މީހެއް ނަމަ އެކަމާ ދެކޮޅަށް ވާހަކަދައްކައި ނަސޭހަތްތެރިވާން ޖެހޭނެ ކަމަށާއި، ތިން ވަނަ ހާލަތަކީ އަތުންނާއި ދުލުންވެސް މުންކަރާތްތައް މަނާ ނުކުރެވޭ ހާލަތުގައި ހުރުން ކަމަށެވެ. އަދި އެފަދަ ހާލަތެއްގައި ހުރި މީހެއް ނަމަ އެންމެ ކުޑަ މިންވަރެއްގެ ގޮތުން ހިތުން އެކަމާ ދެކޮޅުވެރިވެ އެކަން މަނާ ކުރަން ޖެހޭނެ ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.
ހެއު ކަންތަކަށް އަބަދުވެސް އަމުރު ކުރަންޖެހޭނެކަން ބަޔާންކޮށް ޚުތުބާގައި އިތުރަށް ބުނީ، ﷲ ހަރާމް ކުރައްވާފައިވާ ކޮންމެ ކަމަކީ މުންކަރާތެއް ކަމަށާއި، އެފަދަ ކަންކަން މަނާކުރުމަކީ ދީނީ ގޮތުން ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.
އޭގެ އިތުރުން، އަޅުކަމުގެ ތެރޭގައި ހިމެނޭ އެންމެ މަތިވެރިކަން ބޮޑު ދެ އަޅުކަން ކަމުގައިވާ ނަމާދާއި، ޒަކާތުގެ ކުރިއަށް ޤުރުއާނުގައި ހެއު ކަންކަމަށް އަމުރުކޮށް ނުބައި ކަންކަން މަނާ ކުރުން ގެނެސްފައި ވުމަކީވެސް އެކަމުގެ މުހިއްމުކަން ދޭހަވާ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.