މިސްރުގެ އަލް-އަޒްހަރު ސްކޮލަރޝިޕް2019/2020ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ހުޅުވާލައިފިއެވެ.
ހަޔަރ އެޑިޔުކޭޝަނުން ޝަރީއާ ދާއިރާގެ ޖުމްލަ 22 ފުރުސަތު ހުޅުލާފައިވާ ކަމަށެވެ.
މި ސްކޮލަރޝިޕަށް އަޒްހަރު ޔުނިވަރސިޓީން ދިނުމަށް ހަމަޖެހިފައިވަނީ ޓިއުޝަން ފީއެވެ. އެހެން ޚަރަދުތައް ހަމަޖައްސަންޖެހެނީ ދަރިވަރު އަމިއްލައަށް ކަމަށް ހަޔަރ އެޑިޔުކޭޝަނުން ބުންޏެވެ.
ހަޔަރ އެޑިޔުކޭޝަނުން ބުނީ މި ކޯސްތަކަށް ހޮވޭ ދަރިވަރުން ކިޔެވުން ފެއްޓެވުމުގެ ކުރިން އަރަބި ބަހުގެ ޓެސްޓެއް ހަދަންޖެހޭ ކަމަށާއި، އަރަބި ބަހުގެ ޓެސްޓުން ފާސްނުވެއްޖަނަމަ އަރަބި ބަސް ކިޔެވުމަށް އެއް އަހަރު ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ.
ހަޔަރ އެޑިޔުކޭޝަނުން ބުނީ މިކޯހުގެ ލެވަލްއަކީ ބެޗެލަރސް ޑިގްރީ ކަމަށެވެ. ޝަރުތަކީ ޝަހާދާ ޘާނަވިއްޔާއިން ފާސްވެފައިވުމާއި، ދިރާސާތުލް އިސްލާމިއްޔާ ކޯހަށް ހުށަހަޅުއްވާ ބޭފުޅުން ޝަހާދާ ޘާނަވިއްޔާއިން %65 އަށް ވުރެ މަތިން ފާސްވެފައިވުމާއި، މި ކޯސްތަކަށް ހުށަހަޅާ މީހުންނަކީ މިސްރު ސަރުކާރުގެ ސްކޮލަރޝިޕެއްގައި މީގެ ކުރިން ކިޔަވާފައި ނުވުން ހިމެނެއެވެ. އަދި 15 ސެޕްޓެމްބަރ 2019 އަށް އުމުރުން 25 އަހަރު ފުރިފައި ނުވުމާއި ޝަހާދާ ޘަނަވިއްޔާ ނިންމެވިފަހުން، 15 ސެޕްޓެމްބަރ 2019 އަށް 3 އަހަރު ވެފައިނުވުން ހިމެނެއެވެ.
ހަޔަރ އެޑިޔުކޭޝަނުން ބުނީ އަޒްހަރު ޔުނިވަރސިޓީގެ ގަވާއިދު ހަމަޖެހިފައިވާ ގޮތުން އަޒްހަރު ޔުނިވަރސިޓީގައި އެއްބަނޑު އެއްބަފާ ނުވަތަ އެއްބަފާ ނުވަތަ އެއްބަނޑު ދެ ބޭފުޅަކަށް އަދި ދެމަފިރިކަނބަލުންނަށް އެއްމުއްދަތެއްގެ ތެރޭގައި ކިޔެވުމުގެ ފުރުސަތު ނުލިބޭނެ ކަމަށެވެ.
ސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 3 ޖޫން ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިންނެވެ. އަދި އެޕްލިކޭޝަން ހުހަޅަޖެހެނީ ޕޯޓަލް މެދުވެރިކޮށް ކަމަށް ވެސް ހަޔަރ އެޑިޔުކޭޝަނުން މައުލޫމާތުދެއެވެ.