ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ޚާއްސަ ކުރެވިފައިވާ ބޮޑެތި ހޮސްޕިޓަލްތަކަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީގައި ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ އަމީން ވިދާޅުވީ ދެ މަސް ދުވަސް ތެރޭގައި ޚާއްސަ ބޮޑެތި ބަދަލުތަކެއް ގެންނަން ނިންމާފައިވާ ހޮސްޕިޓަލްތަކައް ޑޮކްޓަރުންނާއި ނަރުހުން ހަމަ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހޮސްޕިޓަލްތަކަށް ބޭނުންވާ ވަސީލަތްތައް ހަމަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ނަމަވެސް އެއީ ކޮން ހޮސްޕިޓަލްތަކެއް ކަން މިނިސްޓަރ ވިދާޅެއް ނުވެއެވެ. މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލްތަކުގެ ނަންތައް ފަހުން ހާމަކުރާނެ ކަމަށެވެ.
ރާއްޖޭގެ ސިއްހީ ނިޒާމް އޮތީ ވަރަށް ބޮޑަށް ބޮއްސުންލައިގެން ގޮސްފައި ކަމަށާއި، މަސައްކަތް ކުރައްވަނީ ސިއްހީ ނިޒާމަކީ ރައްޔިތުންގެ އިތުބާރު ލިބިފައި އޮތް ނިޒާމަކަށް ހެދުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ސިއްހީ ނިޒާމް ރަނގަޅު ކުރުމަށް ކަމާ ބެހޭ އިދާރާތަކާއި މަޝްވަރާކޮށްފައިވާނެ ކަމަށާއި، އާ މަޖިލީހާ އެކު ސިއްހީ ނިޒާމް ރަނގަޅު ކުރުމަށް ހުރި ގޮންޖެހުންތަކަށް ހައްލެއް އަންނާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ކަމާއި ބެހޭ އިދާރާތަކާއި މަޝާވަރާ ކުރެވުނު. މަޝްވަރާ ކުރެވި ޚިޔާލު ބަދަލުކުރެވިފައިވަނީ، އާ މަޖިލީހާ އެކު ބަދަލުތަކެއް އަންނާނެ ކަމަށް. ޕްރައިމަރީ ކެއަރ އަށް ވަރަށް އިސްކަންދޭނަން. އެކަން ބަޖެޓްގައި ހިމަނަން މަސައްކަތް ކުރާނަން " މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމް ބޮއްސުންލައިގެން ގޮސްފައިވަނީ ފާއިތުވި ސަރުކާރުތަކުން އަތޮޅުތަކުގެ ސިއްހީ ނިޒާމް އޮޔާ ދާން ދޫކޮށްލާފައި އޮތުމުން ކަމަށެވެ.
" އަތޮޅުގެ ސިއްހީ ނިޒާމް އޮތީ އޮޔާ ދާން ދޫކޮށްލާފައި. އަތޮޅުގެ ހޮސްޕިޓަލްތަކުން އެކަށީގެންވާ ހިދްމަތެއް ނުދެވޭ. ވަރަށް ހާލުގައި އެ ހޮސްޕިޓަލްތައް އޮތީ. އެކަންތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން މި ދަނީ" މިނިސްޓަރ ވިދާޅުވިއެވެ.
ސިއްހީ ނިޒާމް ހައްލުކުރުމަށް ކުރަމުންދާ މަސައްކަތް ވަރަށް އަވަހަށް ރައްޔިތުންނަށް ފެންނަން ފަށާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.