އައްޑޫގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ހުރިހާ މައްސަލައަކަށް ޓާޝަރީ ހޮސްޕިޓަލް ހުޅުވުމުން ހައްލު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ހެލްތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ އައްޑޫ ހޮސްޕިޓަލުގައި ގިނަ ގޮންޖެހުންތައް ހުރި އެބަހުރި ކަމަށާއި، ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލުން މި އަހަރުގެ މެދުތެރެއިން ޚިދުމަތްދޭން ފެށޭނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހޮސްޕިޓަލް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނައިރު، ދަތިތަކާއެކު އެއްކޮށް ކުރިއަށްދާންޖެހޭ ކަމަށާއި، ޓާޝަރީ ހޮސްޕިޓަލަށް ކުރެވޭ ހަރަދުތައް ވެސް އިސްރާފު ނުވާނެ ގޮތަކަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
''އެންމެ ރަނގަޅަށް ކުރަންވާ ގޮތަކަށް ނޫން ޓާޝަރީ ހޮސްޕިޓަލް އަޅާފަ އެހުރީ. އައްޑޫގެ ޓާޝަރީ ހޮސްޕިޓަލެއް އެޅި ނަމަ އެނޫން ގޮތަކަށް އެޅުން އެއީ އެންމެ ރަނގަޅު ގޮތޭ. އެހެން ނަމަވެސް މިދިޔަ ސަރުކާރުން 23 މިލިއަން ޑޮލަރު ހަދަރުކޮށްފައި ހޮސްޕިޓަލެއް އެޅީމަ އަލުން އާ ހޮސްޕިޓަލެއް އެޅުމަކީ ކުރެވޭނެ ކަމެއް ނޫން. އެހުރި ވަސީލަތް ބޭނުން ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނީ.'' މިނިސްޓަރު އަމީން ވިދާޅުވިއެވެ.
ގދ. ތިނަދޫގެ ގާއިމްކުރާ ޓާޝަރީ ހޮސްޕިޓަލާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެރަށުގެ ސިއްހީ ނިޒާމަށް ދިމާވާ މައްސަލަތަކަށް ހައްލު ލިބޭނީ ޓާޝަރީ ހޮސްޕިޓަލާ އެކު ކަމަށެވެ.
ނަމަވެސް އަބްދުލްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންނަންޖެހޭ ބަދަލުތަކާ، މިހާރުން މިހާރަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް މަސައްކަތް ކުރާ ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.