Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 17:02
އިގްތިޞާދީ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި އެޗްޕީއޭ އާއި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ އިސްވެރިން--
އިގްތިޞާދީ ކޮމެޓީން ބޭއްވި ބައްދަލުވުމުގައި އެޗްޕީއޭ އާއި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ އިސްވެރިން--
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
ސިނގިރޭޓާއި އެނާރޖީ ޑްރިންކުން ޑިއުޓީ ބޮޑުކުރަން ހުށަހެޅި އަދަދަށް ވުރެ ބޮޑުކޮށް ކޮމެޓީން ފާސްކޮށްފި
އެބިލް ދިރާސާ ކުރުމަށް އިގްތިޞާދީ ކޮމެޓީއަށް ފޮނުވާފައިވަނީ މުޅި މަޖިލީހުގެ ކޮމެޓީން

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސިނގިރޭޓާއި އެނާޖީ ޑްރިންކް އަދި ސޮފްޓް ޑްރިންކުން ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާ ބިލްގައި ހުރި އަދަދުތަކަށް ވުރެ ބޮޑުކޮށް، ޑިއުޓީ ބޮޑު ކުރުމަށް ކޮމެޓީން ފާސްކޮށްފި އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ އިގްތިޞާދީ ކޮމެޓީން އެބިލް ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓްގައިވާ ގޮތުން ބޯފެނުގެ ޑިއުޓީ މިހާރު ވެސް އެކްސްޕޯޓް އިމްޕޯޓް ގާނޫނުގައިވާ ގޮތަށް 15 ޕަސެންޓް ނެގުމަށް ވަނީ ފާސްކޮށްފައެވެ. އަދި ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކް ދެ ކެޓެގެރީއަކަށް ލުމަށް ފަހު، ސޮފްޓް ޑްރިންކުން ނަގަން ފާސްކޮށްފައިވަނީ ލީޓަރަކަށް 4.60ރ. އެވެ.

 

އެނާޖީ ޑްރިންކުން ނެގުމަށް ފާސްކޮށްފައިވަނީ ލީޓަރަކުން 33.64ރ. އެވެ. އެބިލް މަޖިލީހަށް ހުށަހެޅި އިރު އޮތީ، ސޮފްޓް ޑްރިންކާއި އެނާޖީ ޑްރިންކް އެއް ކެޓެގެރީއެއްގައެވެ.

 

ސިނގިރޭޓުން ޑިއުޓީގެ ގޮތުގައި 25 ޕަސެންޓް ނެގުމުގެ އިތުރުން، އެތެރެކުރާ ކޮންމެ ސިނގިރޭޓަކުން 2.00ރ. ނެގުމަށް ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.

 

އިމްޕޯޓް އެކްސްޕޯޓް އިމްޕޯޓް ގާނޫނުގައި މިހާރު ބުނެފައިވާ ގޮތުން ސިނގިރޭޓުން ޑިއުޓީ ނަގަމުންދަނީ 150 ޕަސެންޓްގެ އިތުރުން އެތެރެކުރާ ކޮންމެ ސިނގިރޭޓަކުން 90 ލާރި އެވެ.

 

އިގްތިޞާދީ ކޮމެޓީން އެބިލް ދިރާސާ ކުރިއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މޯލްޑިވްސް ކަސްޓަމްސް ސާރވިސް އާއި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ އިސްވެރިން ބައިވެރިވެވަޑައިގެން މައުލޫމާތު ހިއްސާކުރައްވާފައި ވެއެވެ.

 

ކަސްޓަމްސްއިން ބުނީ މިދިޔަ އަހަރު 497 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ރާއްޖެ އެތެރެކޮށްފައިވާއިރު، 2015 ވަނަ އަހަރު 460 މިލިއަން ސިނގިރޭޓް ރާއްޖެ އެތެރެކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ އަހަރަކު ވެސް ސިނގިރޭޓް ރާއްޖެ އެތެރެކުރާ މިންވަރު އިތުރުވަމުންދާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

 

ކަސްޓަމްސްއިން ބުނީ މިދިޔަ 2016 ވަނަ އަހަރު އެކަނިވެސް ދައުލަތަށް ސިނގިރޭޓްގެ ޑިއުޓީން 622 މިލިއަނަށް ވުރެއް ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ.

 

އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން އެޗްޕީއޭ އާއި ޓޮބޭކޯ ކޮންޓްރޯލް ބޯޑުގެ އިސްވެރިން ވިދާޅުވެފައިވަނީ، ސިނގިރޭޓް ބުއިމުން ރައްޔިތުން ދުރުކޮށް، ހޭލުންތެރި ކުރުމަށް ހިންގުމަށް ހެލްތު މިނިސްޓްރީއާއި ކަމާބެހޭ އިދާރާތަކުން ރާވާފައިވާ އެއްވެސް ހަރަކާތަކަށް އެއްވެސް ބަޖެޓެއް ލިބިފައި ނުވާ ކަމަށެވެ.

 

ނަމަވެސް އެބިލަށް ބަހުސްކުރެއްވި ސަރުކާރަށް ނިސްބަތްވާ މެމްބަރުން ވިދާޅުވެފައިވަނީ ޑިއުޓީ ބޮޑުކުރަނީ ކޮންމެހެން ދައުލަތަށް އާމްދަނީ އިތުރުކުރުމަށް ނޫން ކަމަށާއި ރައްޔިތުންނަށް ދުޅަހެޔޮ ސިއްހަތެއް ފޯރުކޮށްދިނުމާއި ސިއްހަތަށް ގެއްލުންދޭ ތަކެތިން ރައްޔިތުން ދުރުކޮށް ރައްކާތެރި ކުރުމަށް ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް