އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ކޮރަޕްޝަންގެ އަމަލެއް ނުހިންގަވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރިފްއަތަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތައް ދޮގުކުރައްވާ ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ތަޖުރިބާ ކުރެއްވިފައިވާ ތަނުގައި ރިފްއަތަކީ ވަރަށް ވެސް ނަޒާހަތްތެރި ބޭފުޅެއް ކަމަށެވެ. އަދި އެއްވެސް ބާވަތެއްގެ ކޮރަޕްޝަންގެ އަމަލެއް ރިފްއަތު ހިންގަވާފާނެ ކަމަކަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ.
އިސް ގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދު ހައްޔަރުކުރުމުން އެމަނިކުފާނުގެ ވަކީލުންގެ ޓީމުގައި ރިފްއަތު މަސައްކަތް ކުރެއްވިއެވެ.
Alhuganduge nazaruga adhi alhugandah thajribaa kurevifa huri thanuga Hon. AG @ibriffath akee varahves nazaahaiytheri beyfulheh. E manikfaanu evves baavathehge corruption ge amaleh hingavafaane kamah ehgothakahves qabool eh nukurevey
— Mohamed Nasheed (@MohamedNasheed) May 15, 2019
ދީބާޖާ ކުންފުނީގެ މައްސަލާގައި ރިޝްވަތު ނަންގަވަން މަސައްކަތް ކުރެއްވި ކަމަށް ކުރާ ތުހުމަތުތައް ރިފްއަތް ވެސް ވަނީ ޖަވާބު ދެއްވާފައެވެ.
ރިފްއަތު ވިދާޅުވީ އެއްވެސް އިރެއްގައި ނާޖާއިޒް ގޮތުގައި މުއްސަނދިކަން ހޯދަން ނޫނީ ފައިސާ ހޯދަން ޑީލްތަކެއް ހަދާފައިނުވާނެ ކަމަށާއި، އަމިއްލަ ގޮތުން ގާނޫނީ ވަކީލުކަން ހުއްޓާލީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށެވެ. އަދި ވިދާޅުވީ ކޮރަޕްޝަނުން ރައްޔިތުންނާއި ދައުލަތް ރައްޔިތުން ސަލާމަތް ކުރުމަށް އަބަދު ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.