ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހއ. ދިއްދޫ ހުރިހާ ދާއިރާތަކަކުން ތަރައްގީވެ، ރައްޔިތުން ބޭނުންވާ ކުލަ ޖެހިގެންދާނެ ކަމަށް އެ ދާއިރާގެ އިންތީޚާބީ މެންބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވަހީދު ވިދާޅުވީ 2008 ވަނަ އަހަރު އައި އެމްޑީޕީ ސަރުކާރާއެކު ދިއްދޫ ރައްޔިތުން ބޭނުންވާ ވަރަށް ގިނަ ކަންކަން ހާސިލްވެގެން ދިޔަ ކަމަށެވެ. އެގޮތުން އެރަށުގެ ބިން ހިއްކި، ހައުސިން ޔުނިޓްތަކެއް އެޅިގެން ދިޔަ ކަމަށް ވަހީދު ވިދާޅުވިއެވެ. ނަމަވެސް 2013 ވަނަ އަހަރުގެ ފަހުން ރައްޔިތުން ބޭނުންވާގޮތަށް ތަރައްގީގެ އެއްވެސް ކަމެއް ކުރިއަށް ގެންގޮސްފައިނުވާ ކަމަށާއި، ރައްޔިތުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށެވެ.
ރައީސް ސޯލިހުގެ ވެރިކަމަށް އަލިއަޅުއްވާލައްވާ ވަހީދު ވިދާޅުވީ މިވެރިކަމަށް އެރަށުގެ ރައްޔިތުން ކުރާ އުންމީދު ވަރަށް ބޮޑު ކަމަށާއި، ދިއްދޫއަށް މިވަގުތު ދިމާވެފައިވާ ހުރިހާ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ވަހީދު ވިދާޅުވީ އުންމީދަކީ މިފަސް އަހަރު ނިމިގެންދާއިރު ޓާޝަރީ ހޮސްޕިޓަލެއް ލިބިގެންދިއުން ކަމަށާއި، ޒުވާނުން ބޭނުންވާ ގޮތަށް ފުޓްބޯޅަ ދަނޑު އެޅިގެންދިއުން ކަމަށެވެ. އަދި ދިއްދޫއަށް ޖޫނިއަރ ކޮލެޖެއް ގާއިމްކުރުމުގެ އިތުރުން ތައުލީމީ ނިޒާމު އެތައް ގުނައަކަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވަހީދު ވިދާޅުވީ ދިއްދޫއަކީ އަތޮޅުގެ ވެރިކަން ކުރާ ރަށް ކަމަށާއި، އަތޮޅުގެ ހުރިހާ ރަށަކުން ޚިދުމަތް ހޯދަން އަންނައިރު ހުރިހާ ފުރިހަމަ ޚިދުމަތެއްގެ ލިބެންޖެހޭ ކަމަށެވެ.
''މިކަންކަމަކީ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން. މިހާރު ވެސް ރައީސް ވައުދުވެފައި އޮތީ ޒުވާނުންނަށްޓަކައި ދަނޑެއް ހަދާދޭން މިއަހަރުގެ ތެރޭގައި. ބަޖެޓްގައި ނެތް. އެހެން ނަމަވެސް ރައީސްގެ ޚާއްސަ ވައުދެއްގެ ގޮތުގައި. އެކަން އިރާދަކުއްރެއްވިއްޔާ ވަރަށް އަވަހަށް އަވަހަށް އިއުލާން ކުރެވިގެންދާނެ. އެގޮތަށް ޔޫތް މިނިސްޓްރީން މައުލޫމާތުދޭ. މިއަހަރުގެ ތެރޭގައި އެމަސައްކަތް ފެށުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރޭ.'' ވަހީދު ވިދާޅުވިއެވެ.
ހައުސިން ޔުނިޓްތަކާ ބެހޭ ގޮތުން ވަހީދު ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި އެޅިގެންދިޔަ 250 ހައުސިން ޔުނިޓްގެ ތެރެއިން 140 ހައުސިން ޔުނިޓް ބަހާ ނިމިފައިވާ ކަމަށެވެ. އަދި ބާކީ އިން 110 ހައުސިން ޔުނިޓް ބެހުމުގެ މަސައްކަތް ހައުސިން މިނިސްޓްރީގެ އިރުސާދުގެ ދަށުން ރައްޔިތުންނާއެކު އޭގެ ހައްގުވެރިންނަށް ބެހުމުގެ މަސައްކަތައް ކައުންސިލުން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ ހައުސިން ޔުނިޓްތައް ބެހުމުގައި މައްސަލަތައް ދިމާވެ، އެކި ސަބަބުތަކާ ހުރެ އެތަން ބޭނުންނުކުރެވި ގިނަ ދުވަސްތައް ފާއިތުވެގެން ދިއުމާއެކު ގިނަ ހައުސިން ޔުނިޓްތައް ހުރީ މަރާމާތު ކުރަންޖެހިފައި ކަމަށާއި، އެމަސައްކަތް ވެސް ކައުންސިލުން ކުރަމުން އަންނަ ކަމަށެވެ. އެސަހައްދުގެ މަގުތައް ހެދުމާއި، މަގު ބައްތި ޖެހުމުގެ މަސައްކަތް ވެސް ކައުންސިލުން ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ވަހީދު ވިދާޅުވީ ރައީސް ސޯލިހުގެ މިފަސްއަހަރު ދިއްދޫގެ އިތުރުން ހއ.އަތޮޅުގެ ހުރިހާ ރަށަކަށް އެރަށުގެ ރައްޔިތުން ބޭނުންވާ ތަރައްގީ ލިބޭނެ ކަމާމެދު ޝައްކުނުކުރާ ކަމަށާއި، މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުން ކަމަށެވެ.