މާލޭ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން އެގޮތަށް ނިންމީ ބުދަ ދުވަހުގެ ރޭ ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ވޯޓު ދެއްވި އަށް މެމްބަރުންގެ އިއްތިފާގުންނެވެ. މާލޭ މަގުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރަން އެ ކައުންސިލްގެ މިރޭގެ ބައްދަލުވުމަށް ހުށަހެޅުއްވީ މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ހުސައިން ޝަރީފެވެ.
އޭނާ "ރާއްޖެއެމްވީ"އަށް މިރޭ ވިދާޅުވީ އެ ނިންމުމަށް އަމަލު ކުރާނީ ހަ މަސް ފަހުން ކަމަށާއި އެ ނިންމުމަށް އަމަލު ކުރަން ފަށާނީ ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށް، ވާންޖެހޭ ތައްޔާރީތަކަށް ފަހުގައި ކަމަށެވެ.
ދެހާސްދިހަ ވަނަ އަހަރު އަމަލު ކުރަން ފެށި ދުންފަތް ކޮންޓްރޯލު ކުރުމާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ ގަވާއިދުގައި ބުނެފައިވާ ގޮތުން އާންމުކޮށް ހުޅުވާލެވިފައިވާ ސަރަހަރައްދުތަކުގެ ތެރެއިން ގިނަ ބަޔަކު އެއްވާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެކެވެ. އަދި މަގު މަތިން ވަދެ ނިކުމެވާ ދޮރާށިތަކާއި ގޭޓުތަކުގެ ކުރިމަތިތަކުގައި ވެސް ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާ ކަމެކެވެ.