ދެ އަހަރު ނުވާ ކުޑަކުއްޖަކު ގޮވައިގެން މާލެއިން ހުޅުމާލެއަށް ދިޔަ ސައިކަލެއް އެކްސިޑެޓުވެ، ކުޑަ ކުއްޖާއަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މާލެއިން ހުޅުމާލެއަށް ކުޑަކުއްޖަކު ގޮވައިގެން ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓުވީ ކޮންޓްރޯލު ނުވެގެން ގޮސް، ހައިވޭގައި ކައިރީގައި ހުރި ފެންސެއްގައި ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓް ހިނގާފައި ވަނީ ބުދަ ދުވަހު އިރުއޮއްސުނު ވަގުތު ކަމަށާއި އެ ހާދިސާގައި ސައިކަލް ދުއްވަން އިން 46 އަހަރު މީހާއަށް ވެސް އަނިޔާވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވި ކުޑަކުއްޖާއަކީ އެއް އަހަރާއި ނުވަ މަހުގެ ކުއްޖެއް ކަމަށާއި އެ ކުއްޖާގެ ބޮލުން ތިން އިންޗި ހުންނަވަރުގެ ތަންކޮޅެއް ކަފައިގެން ގޮސްފައިވާ ކަމަށެވެ. އެ ކުއްޖާއަށް އޭޑީކޭގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ސައިކަލު ދުއްވަން އިން މީހާ އާއި ކުޑަ ކުއްޖާ ވެސް އިނީ ހެލްމެޓް އަޅައިގެން ކަމަށާއި ދެ މީހުން ވެސް ތިބީ ބެލްޓު ވެސް އަޅައިގެން ކަމަށެވެ. ސައިކަލް ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް އޮތް ކަމަށް ފުލުހުން ބުންޏެވެ.
ރަމަޟާންމަހު އެކްސިޑެންޓު ހިނގުން އާންމުވެފައިވާއިރު، މި މަހުގެ ތެރޭގައި އެކަނި ވެސް ހިނގި އެކްސިޑެންޓުތަކުގެ އަދަދު ވަނީ 58އަށް އަރާފައެވެ.