ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގެ ކޯޓާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންއިން ފެށިގެން 100 މޭލު ފާހަގަކޮށް، އެއިމުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގައާއި އަދި އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ އިޚްތިޞާސްގެ ތެރޭގައި ހިމެނޭ މާކަނޑުގެ ސަރަޙައްދުގައި (އެއްވެސް ޤަޢުމެއްގެ އިޚްތިޞާޞްތެރޭގައި ނުހިމެނޭ ސަރަޙައްދުގެ ތެރޭގައި) ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ޝައުޤުވެރިވާ ދިވެހިންނަށް ނުވަތަ ދިވެހިންގެ ކުންފުނިތަކަށް ލޭނު މަސްވެރިކަމުގައި ޙަރަކާތްތެރިވުމަށް ބޭނުންވާ ކޯޓާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާކަމަށެވެ.
އެގޮތުން ކޯޓާ ވިއްކުމަށް ހަމަޖެހިފައިވަނީ ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގެ ގަވާއިދާއި ބޭރުކަނޑުގައި ލޭނުއަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަންކުރުމަށް ކޯޓާ ދޫކުރުމުގެ އުޞޫލުގެ ދަށުންކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނިގޮތުގައި 2019 ވަނަ އަހަރުގެ ޖޫން 1 އިން ފެށިގެން 2020 ވަނަ އަހަރުގެ މެއި 31 ގެ ނިޔަލަށް ވިއްކުމަށް ހަމަޖެހިފައިވަނީ 15,000 (ފަނަރަ ހާސް) މެޓްރިކް ޓަނުގެ ކޯޓާއެވެ.
ލޭނު މަސްވެރިކަމުގައި ޙަރަކާތްތެރިވުމަށް ކޯޓާއަށް އެދި ސިޓީ ހުށަހެޅުއްވުމުގެ އެންމެ ފަހު ތާރީޚަކީ 29 މެއި 2019 ވަނަ ދުވަހުގެ 13:00 ގެ ކުރިންނެވެ. ނަމަވެސް މިމުއްދަތުގައި ކޯޓާއަށް އެދި ހުށަހަޅާފައިވާ ޖުމުލަ އަދަދު 15,000 މެޓްރިކް ޓަނަށް ވުރެ މަދުވާނަމަ، މިއަދަދު ހަމަވަންދެން، ކޯޓާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުން 31 މެއި 2020 ގެ ނިޔަލަށް ކޯޓާ ވިއްކުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.