ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓް ފްރީޒް ކުރި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ބާއްވާ ފުރަތަމަ އަޑުއެހުން މާދަމައަށް ތައާވަލްކޮށްފި އެވެ.
ދައުލަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކޮށްފައި ވަނީ ހޯމަ ދުވަހުއެވެ. އެ މައްސަލައިގެެ ފުރަތަމަ އަޑުއެހުން ތާވަލްކޮށްފައިވަނީ ބުރާސްފަތި ދުވަހު (މާދަމާ) ހެނދުނު 10:15 އަށެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅުއްވި އެ މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ ބެންޗުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ އަރީފް ،ފަނޑިޔާރު އަލްއުސްތާޛް އާދަމް މުޙައްމަދު އަބްދުﷲ، ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ދީދީ، ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދު އެވެ.
މަނީ ލީންޑަރިންގެ ތުހުމަތުގައި ޔާމީންގެ ބޭންކް އެކައުންޓްތައް ކޯޓު އަމުރެއްގެ ދަށުން ފްރީޒްކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ އެކައުންޓްގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް ހައި ކޯޓުން ފަހުން ވަނީ އެކައުންޓް ފްރީޒްކުރި އަމުރު ބާތިލްކޮށްފަ އެވެ.
އޭގެއިތުރުން އެމަނިކުފާނުގެ މައްޗަށް މަނީ ލޯންްޑަރިންގެ ދައުވާ އުފުލާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ވެސް ކްރިމިނަލް ކޯޓުން ކުރިން އަމުރުކުރި އެވެ. ނަމަވެސް ހައިކޯޓުން ފަހުން ވަނީ އެ އަމުރުވެސް ބާތިލްކޮށްފަ އެވެ. އަދި އެ މައްސަލާގެ ޝަރީއަތްތައް މިހާރު ކްރިމިނަލް ކޯޓުގައި އަންނަނީ ކުރިއަށްގެންދަމުންނެވެ.