ހައްޖަށް މީހުން ގެންދިއުމަށް ޕޮއިންޓް ދިން އުސޫލު އާންމުކޮށްފައިވާ ކަމަށާއި އެތަފްސީލުތައް ކުންފުނިތަކަށް ފޮނުވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ހައްޖަށް މީހުން ގެންދާ ކުންފުނިތައް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި ގޮތް ބާތިލު ކުރަން ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުން ސިވިލް ކޯޓަށް މައްސަލަ ހުށައަޅައި އެމައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ބުދަ ދުވަހު ވަނީ ބާއްވާފައެވެ.
ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ގައި ސިސިލްފަރުގެ ގާނޫނީ ވަކީލު ވަނީ ހައްޖަށް މީހުން ގެންދިއުމަށް ޕޮއިންޓް ދިން އުސޫލު އާންމުކޮށްފައި ނުވާ ކަމަށް ބުނެފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝާފިއު އަލީ ވިދާޅުވީ ނޫސްވެރިން މެދުވެރިކޮށް ޕޮއިންޓްދިން އުސޫލު އާންމު ކޮށްފައިވާނެ ކަމަށާއި އިތުރަށް ފުރިހަމަ ކުރަންޖެހޭ ކަމެއް އޮތްނަމަ ކުންފުނިތަކުން އެދުމުން އެކަން ކުންފުނިތަކަށް އެމިނިސްޓްރީން ކޮށްދޭނެ ކަމަށެވެ.
" އަޅުގަނޑުމެން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮއިންޓް ދިންގޮތް ވަނީ އާންމު ކޮށްފައި. އަދި ކުންފުނިތަކަށް ވެސް ވާނީ ޕޮއިންޓް ދިން ގޮތް ފޮނުވާފައި." ޝާފިއު ވިދާޅުވިއެވެ.
ސިސިލްފަރުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ކުންފުނީގެ ތަޖުރިބާއަށް ބަލައި ފަސް ޕަސެންޓް ދޭނެ ކަމަށް ބުނެފައިވާ ކަމަށާއި އެކުންފުންޏަކީ 35 އަހަރު ހައްޖާޖީންގެ ހިދުމަތުގައި އުޅެފައިވާ ގްރޫޕެއް ކަމަށެވެ. ނަމަވެސް ސިސިލްފަރުގެ ތަޖުރިބާއަށް އިސްލާމިކް މިނިސްޓްރީ ދީފައި ވަނީ 0.7 ޕަސެންޓް ކަމަށް އެ ކުންފުނިން ކޯޓަށް ހުށައެޅި މައްސަލާގައި ވަނީ ބުނެފައެވެ.
ޝާފިއު ވިދާޅުވީ އެމިނިސްޓްރީން ބަލާފައި ވާނީ ކުންފުނީގެ ތަޖުރިބާއަށް ނޫން ކަމަށާއި ކުންފުނިން ތަޖުރިބާގެ ގޮތުގައި ހުށައެޅި މީހުންގެ ތަޖުރިބާއަށް ކަމަށެވެ. އެގޮތުން ތަޖުރިބާގެ ގޮތުގައި މާކްސް ދީފައި ވަނީ ފަސް ކެޓަގަރީއަކަށް ބަހައިގެން ކަމަށް ޝާފިއު ވިދާޅުވިއެވެ.