ފެރީގެ ޚިދުމަތް ދިނުމަށް ހަވާލު ކުރި ދީބާޖާ އިންވެސްޓްމަންޓަށް 348 މިލިއަން ރުފިޔާ ދައުލަތުން ދައްކަން ޖެހޭނެ ކަމަށް، ދަށު ކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ތާއިދު ކުރުމުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަރު ނެންގެވި ކަމަށް ބުނެ، ފެތުރި ޚަބަރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ދޮގު ކޮށްފިއެވެ.
ޑީޖޭއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ރިޝްވަތު ނެންގެވި ކަމަށް ބުނެ، އޮންލައިން ނޫސް، ސީއެންއެމުން މިދިޔަ އާދީއްތަ ދުވަހު ފެތުރީ ބުހުތާން ދޮގު ކަމަށެވެ. ސީއެންއެމުން އެގޮތަށް އެ ވާހަކަ ފެތުރީ ފަނޑިޔާރުގޭގެ އަގުވައްޓާލައި ފަނޑިޔާރުންނަށް ބިރު ދައްކައި ކޯޓުގެ ހުރުމަތް ކަނޑާލައި އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމަށް ކަމަށް ޑީޖޭއޭގެ ބަޔާނުގައިވެއެވެ.
ސީއެންއެމްގެ އެ ލިޔުމާ ގުޅިގެން ކުރަންޖެހޭ ތަހުގީގުތަކާއި އަޅާންޖެހޭ ގާނޫނީ އަދި އިދާރީ ފިޔަވަޅުތައް އެޅުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށާއި ފުލުހުންނަށާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެންސީ)އަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ޑީޖޭއިން ނެރުނު ބަޔާނުގައިވެއެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ކޮރަޕްޝަނާއި ފަސާދައިގެ އަމަލެއް ހިންގައިފިނަމަ، އެފަދަ ކަންކަން ހުށަހަޅަންޖެހޭ ތަންތަން ގާނޫނުއަސާސީ އާއި ގާނޫނުތަކުން އުފައްދާފައިވާ ކަމަށާއި ނަމަވެސް އެ ހައްގުގެ ބޭނުން ކުރުމުގެ ބަދަލުގައި ފަނޑިޔާރުންނާ ބެހޭ ގޮތުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ދެއްކުމާއި ފަތުރައި ޕްރޮމޯޓް ކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ.
ފަނޑިޔާރުންނާ ގުޅޭ ގޮތުން ރިޝްވަތުގެ ތުހުމަތުތައްކޮށް، އެ ވާހަކަތައް ދައްކަމުންދަނީ ފަނޑިޔާރުގެ އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން އިސްނަގައިގެން ކުރަމުން ގެންދާ މަސައްކަތް ހުއްޓުވުމަށް ކުރާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
އުތުރު ޕްރޮވިންސްގައި ހިމެނޭ ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅުގެ އިތުރުން ޅ. އަތޮޅު ހިމެނޭ ގޮތަށް ފެރީގެ ހިދުމަތް ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުގައި ހަވާލުކުރި ދީބާޖާ ކުންފުންޏާ އެކު، ސަރުކާރުން ވެފައިވާ އެއްބަސްވުން ބާތިލު ކުރުމުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދިނުމަށް، ސިވިލް ކޯޓުން ހުކުމް ކުރީ 2014 ވަނަ އަހަރުއެވެ. ހައި ކޯޓުން އެ ހުކުމް ބާތިލު ކުރި ނަމަވެސް، މިދިޔަ މަހު ސުޕްރީމް ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ދަމަހައްޓާފައެވެ.
ދީބާޖާއަކީ ރެޒޮނަންސް ޕްރައިވެޓް ލިމިޓެޑާއި ސްވެނިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުންޏެކެވެ.