ބިދޭސީންގެ ދަފްތަރު އެކުލަވާލައި ބެލެހެއްޓުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ މަގްސަދުގައި ބިދޭސީންނަށް ޚާއްސަކޮށްގެން "ހަރަހެރި" ނަމުގައި ޕޯޓަލްއެއް ލޭބަރ އޮތޯރިޓީ އޮފް މޯލްޑިވްސް އިން ތައާރަފްކޮށްފިއެވެ.
ލޭބާ އޮތޯރިޓީ އޮފް މޯލްޑިވްސް އިން ތައާރަފްކުރި "ހަރަހެރި ޕޯޓަލް"އަކީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ރެޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އަދި ސިޓީ ކައުންސިލުން ބިދޭސީން އެކުލަވާލާ ދަފްތަރު އެކުލަވާލައި ބެލެހެއްޓުމުގައި ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމުގެ މަގްސަދުގައި ތައާރަފް ކުރި ޕޯޓަލްއެއް ކަމަށް އެ އޮތޯރިޓީ އިން ބުނެއެވެ.
އެ އޮތޯރިޓީން ބުނީ "ހަރަހެރި ޕޯޓަލް"ގެ ލޮގިންއެއް ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ލިބޭނެ ކަމަށެވެ. އެ ލޮގިން އިން އެރަށުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު ޕޯޓަލްއަށް ލާނެ ކަމަށް ލޭބަރ އޮތޯރިޓީން ބުނެއެވެ.
ބިދޭސީ މީހާ އުޅޭ ރަށުން އެހެން ރަށަކަށް ބަދަލުވާ ނަމަ ކައުންސިލުން އޭނާ ހުރި ރަށުގެ ރެޖިސްޓްރީ ކެންސަލް ކުރަންޖެހެއެވެ. އެހެން ނަމަވެސް އެހެން ރަށަކަށް އޭނާ ބަދަލުވާކަމުގައި ވާނަމަ ކުރިން އުޅުނު ރަށުގެ މައުލޫމާތެއް ޕޯޓަލް އިން ނުފެންނާނެއެވެ. ލޭބަރ އޮތޯރިޓީން ބުނީ ބިދޭސީ މީހާ އެހެން ރަށަކަށް ބަދަލުވިކަމުގައި ވިއަސް އެ ޕޯޓަލްއިން ނުފެނުނުކަމުގައި ވިއަސް އެ އޮތޯރިޓީއިން މައުލޫމާތު ލިބޭނެ ކަމަށެވެ.
މި ޕޯޓަލް ހުޅުވައިދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އެވެ. ޕޯޓަލް ހުޅުވައި ދެއްވުމަށް ފަހު ފައްޔާޒް ވިދާޅުވީ
ޕޯޓަލްގެ ޒަރިއްޔާ އިން ކައުންސިލްގެ އެހީތެރިކަމާ އެކު މައިގަނޑު ގޮތެއްގައި ރާއްޖޭގައި ބިދޭސީން ތިބި ތަންތަން ދެނެގަނެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.