ހުޅުމާލޭ އިން މާލެ އަށް ދުއްވާފައި ދިޔަ ސައިކަލެއް އޯވާޓޭކް ކުރަން އުޅުމުގެ ތޭރެގައި ކާރެއްގައި ޖެހި ކައްސާލައިގެން ގޮސް ސައިކަލެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެ އިން މާލެއަށް ދުއްވާފައި ދިޔަ ސައިކަލެއް އޯވާޓޭކް ކުރުމަށް ކާރު ލޭނަށް އެރި ވަގުތު އެ ލޭނުން ދުއްވާފައި ދިޔަ ކާރެއްގައި ޖެހި، އެ ސައިކަލް 116 ފޫޓަށް ކަހާލައިގެން ގޮސް ސައިކަލް ލޭން އިން ދުއްވާފަ ދިޔަ ސައިކަލެއްގައި ޖެހިގެން ކަމަށެވެ. އެކްސިޑެންޓް ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ 09:15 ހާއިރުއެވެ.
ފުލުހުން ބުނީ، ސައިކަލް ދުއްވަން އިނީ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަަށާއި، އެ އެކްސިޑެންޓްގެ ސަބަބުން އޭނާގެ ގައިގެ އެކި ތަންތަތަނަށް އެކިވަރުގެ އަނިޔާ ވަނީ ލިބިފައިވާ ކަމަށެވެ.
ސައިކަލް ދުއްވަން އިން މީހާގެ އަތުގައި ލައިސެންސް ނެތް ކަމަށް ފުލުހުން ބުންޏެވެ. މިހާރު އެ ސައިކަލު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މި އެކްސިޑެންޓްގައި ސައިކަލް ކަހާލައިގެން ގޮސް ޖެހުނު ސައިކަލްގައި ތިބި ދެ މީހުންނަށް އެކި ވަރުގެ ކުދި އަނިޔާ ވަނީ ލިބިފައެވެ.