ކ. މާލެ
|
15 މެއި 2019 | ބުދަ 13:28
ބަޔަކު ހައްޖަށް ދިޔުމަށް ފުރަނީ
ބަޔަކު ހައްޖަށް ދިޔުމަށް ފުރަނީ
އަވަސް
ހައްޖަށް މީހުން ގެންދިއުން
ސިސިލްފަރުން ހުށަހެޅި މައްސަލާގައި ޖަވާބުދާރީވުމަށް ދައުލަތަށް އެއް ދުވަސްދީފި
ސިސިލްފަރުން އެދުނީ ހައްޖަށް މީހުން ގެންދާ ކުންފުނިތައް ކަނޑައެޅި ގޮތް ބާތިލު ކުރަން
ދައުލަތުން އެދުނީ ޖަވާބުދާރީވުމަށް އެއް ދުވަސް ދިނުމަށް
މައްސަލަ ޝަރީއަތަށް ދާނީ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ހައްލެއް ނުލިބިއްޖެ ނަމަ

މި އަހަރު ހައްޖަށް މީހުން ގެންދާ ކުންފުނިތައް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި ގޮތް ބާތިލު ކުރަން ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ޖަވާބުދާރީވުމަށް ދައުލަތަށް އެއް ދުވަސްދީފި އެވެ. 

ސިސިލްފަރުން ހުށަހެޅި އެ މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ބުދަ ދުވަހު ވަނީ ފަށައިފަ އެވެ. ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން އެދުނީ ޖަވާބުދާރީވުމުގެ ފުރުސަތަކަށެވެ. ދައުލަތުން ކޯޓުގައި އެގޮތަށް އެދުމުން، ކޯޓުން ވަނީ ޖަވާބުދާރީވުމަށް ދައުލަތަށް އެއް ދުވަސްދީފަ އެވެ. އަދި މާދަމާ ހެނދުނު އަޑުއެހުމެއް ބޭއްވުމަށް ކޯޓުން ވަނީ ތާވަލްކޮށްފަ އެވެ. 

މައްސަލަ ޝަރީއަތަށް ދާނީ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ހައްލެއް ނުލިބިއްޖެ ނަމަ އެވެ. 

މިއަދުގެ އަޑުއެހުމުގައި ސިސިލްފަރު ގުރޫޕުން ވަނީ ހައްޖަށް މީހުން ގެންދިއުމަށް ޕޮއިންޓް ދިން އުސޫލު އާންމުކޮށްފައި ނުވާ ކަމަށް ބުނެފަ އެވެ. އަދި މި އަހަރު ހައްޖަށް މީހުން ގެންދާ ކުންފުނިތައް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި ގޮތް ބާތިލު ކުރަން އެދިފައިވެއެވެ. 

ސިސިލްފަރުން ކޯޓަށް ހުށަހެޅި އެ މައްސަލާގައި ބުނެފައި ވަނީ ހައްޖަށް ގެންދާ ކުންފުނިތައް މިއަހަރު ކަނޑައަޅާފައި ވަނީ އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ދޭ މައުލޫމާތު ކަރުދާހުގައި ބުނެފައިވާ ގޮތާ ހިލާފަށް ކަމަށާއި ކުންފުނިތައް ހޮވާފައި ވަނީ މާލިއްޔަތު ގަވާއިދުގައިވާ އިވެލުއޭޓް ކުރުމަށް ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކަމަށެވެ.

ހައްޖަށް މީހުން ގެންދިއުމުގެ ޕްރޮޕޯޒަލަށް ހުޅުވައިލުމުން ކުރިމަތި 18 ކުންފުނީގެ ތެރެއިން އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައި ވަނީ ހަ ކުންފުންޏަކަށެވެ. ހައްޖު ކޯޕަރޭޝަން ހިމެނޭ ގޮތަށް ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ މިއަހަރު ދީފައި ވަނީ އެކްރޯ ހައްޖު ގްރޫޕާއި މިނާ ހައްޖު ގްރޫޕާއި އަލްހަރަމައިން ހައްޖު ގްރޫޕާއި ޒައި ހައްޖު ގްރޫޕުގެ އިތުރުން ތަޒްކިޔާ ހައްޖު ގްރޫޕަށެވެ. އެ ކުންފުނިތަކާއެކު އަންގާރަ ދުވަހު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. 

ސިސިލްފަރުން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދޭ މައުލޫމާތު ކަރުދާހުގައި ތަޖުރިބާއަށް ބަލައި ފަސް ޕަސެންޓް ދޭނެ ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް ސިސިލްފަރުގެ ތަޖުރީބާއަށް އިސްލާމިކް މިނިސްޓްރީ ދީފައި ވަނީ 0.7 ޕަސެންޓް ކަމަށެވެ. ވޭތުވެދިޔަ 35 އަހަރު އެ ގްރޫޕުން ހައްޖާޖީންގެ ހިދުމަތުގައި އުޅެފައިވާ ކަމަށާއި ތަޖުރިބާއިން އެ ކުންފުންޏަށް އެންމެ ޕަސެންޓެއް ލިބިގެން ނުދިއުމުން އެނގެނީ "އިވެލުއޭޓް ކުރާށޭ ކިޔައިގެން ކުޅިވަރު ކުޅެފައިވާ" ކަމަށް އެ ކުންފުނިން ހުށަހެޅި މައްސަލާފައި ބުނެފައިވެއެވެ.

ސިސިލްފަރުން ހުށަހެޅި މައްސަލާގައި ވަގުތީ އަމުރަކަށް ވެސް އެދިފައިވެއެވެ.

ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ގޮތެއް ކަނޑައެޅުމުގެ ކުރިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ މިހާރު އިއުލާންކޮށްފައިވާ ގޮތަށް ކުރިއަށް ގެންގޮސްފިނަމަ، އިޔާދަ ނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ސިސިލްފަރަށް ލިބިދާނެ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

 

- ކޮމެންޓް