ސްރީ ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ޗައިނާ ސަރުކާރާއެކު އިތުރު އެއްބަސްވުންތަކެއްގައި އަންގާރަ ދުވަހު ސޮއި ކުރައްވައިފިއެވެ.
ރައީސް މައިތިރިޕާލާ ސިރިސޭނާ ސޮއިކުރެއްވި އެއްބަސްވުތަކުގެ ތެރޭގައި އިންފްރާ ސްޓްރަކްޗަރ ބޮޑެތި އިންވެސްޓްމަންޓްތަކުގެ އިތުރުން ގައުމީ ސަލާމަތާ ގުޅޭ އެެއްބަސްވުންތައް ވެސް ހިމެނެއެވެ.
ޗައިނާގެ ރައީސް ޝީ ޖިން ޕިން ވަނީ ސްރީލަންކާއިން ޓެރެރިޒމް ފޮހެލުމަށާއި ގައުމީސަލާމަަތަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ސިރިސެނާއަށް އަރުވާފައެވެ.
ދެ ބޭފުޅުންގެ ބައްދަލުވުން ބާއްވާފައިވަނީ އަންގާރަ ދުވަހު ހަވީރު ޗައިނާގެ ރައީސްގެ ރަސްމީ ގެކޮޅުގައެވެ.
ޗައިނާއިން ވަނީ ލަންކާގެ ކުއްލިހާލަތުގައި ސަލާމަތީ ބާރުތަކުން ހިންގި ހަރަކާތްތަކަށް މާލީ އެހީހެއްގެ ގޮތުގައި 2.6 ބިލިއަން ރުޕީސް ދެއްވުމަށް ރައީސް ސިރިސެނާ އެދިވަޑައިގަތް އެދިވަޑައިގަތުމާ ގުޅިގެން އެ އެހީ ހަމަޖައްސަވާ ދެއްވާފައެވެ.
މީގެ އިތުރުން ލަންކާގެ ފުލުހުންގެ ޑިޕާޓްމަންޓަށް 100 ޖީޕް ދިނުމަށް ޗައިނާގެ ރައީސް ނިންމެވިކަމަށް ވެސް ރިޔާސީ ގަނޑުވަރުގެ މީޑިއާއިން ބުނެފައިވެއެވެ. މި ތަކެތީގެ ޖުމްލަ އަގު 1.5 ބިލިއަން ރުޕީސްއަށް އަރައެވެ.
ޗައިނާގެ ރައީސް ވަނީ ޓެރެރިޒަމްގެ އަމަލުތައް ކުށްވެރިކުރައްވާކަން ފާހަގަކުރައްވައި އޭޕްރީލް މަހުގެ 21 ވަަނަ ދުވަހު ލަންކާގައި ދިން ހަމަލާތަކުގެ ގެއްލުން ލިބުނު ފަރާތްތަކަށް ތައުޒިޔާ ވިދާޅުވެފައެވެ. ރައީސް ޝީ ވަނީ އެ ހަމަލާއަށް ފަހު ސްރީލަންކާ އާރާސްތުކުރުމަށް ކުރާ މަސައްކަތުގައި އެހީ ދެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފައެވެ.