ގދ. ހޯނޑެއްދޫއަށް ކަރަންޓުގެ މައްސަލަ ދިމާވާތާ ހަމަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެރަށު ކައުންސިލްގެ ނައިބް ރައީސް މުހައްމަދު އަޝްރަފް ވިދާޅުވީ އަންގާރަ ދުވަހުގެ ހެނދުނު 9:00 ހާއިރު ކަރަންޓު ކެނޑުނު ގޮތަށް ކަރަންޓު ލިބުނީ ހަވީރުގެ ވަގުތުގައި ކަމަށެވެ.
އަޝްރަފް ވިދާޅުވީ އެރަށުގައި ކަރަންޓް ދިނުމަށް ތިން ޖަނަރޭޓަރު ހުންނަ ކަމަށެވެ. އެގޮތުން ބޭނުން ކުރަނީ 250 ކިލޯވޮޓުގެ ޖަނަރޭޓަރަކާ 120 ކިލޯވޮޓު އަދި 140 ކިލޯވޮޓުގެ ޖެނެރޭޓަރެއް ކަމަށެވެ. ނަމަވެސް 120 ކިލޯވޮޓުގެ ޖަނަރޭޓަރު ހަލާކުވެ ބޭނުން ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އަޝްރަފް ވިދާޅުވީ ކަރަންޓު ކަނޑުނީ 250 ކިލޯވޮޓުގެ ޖަނަރޭޓަރު ހަލާކުވެގެން ކަމަށާއި، އެޖަނަރޭޓަރަކީ އެތައް ފަހަރަކު މައްސަލަ ދިމާވެ މަރާމާތު ކޮށްފައިވާ ޖަނަރޭޓަރެއް ކަމަށެވެ. އިންޖީނުގެ މުވައްޒަފުންނާ ހަވާލާދީ އަޝްރަފް ވިދާޅުވީ އެޖަނަރޭޓަރު ހެދޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށެވެ.
''ރަށުގަ ހަތަރު ލައިން ހުންނައިރު ކަރަންޓު ދެމުން އަންނަނީ ގަޑިއަކުން ގަޑިއަކުން. އެއްގަޑިއިރު ކަރަންޓުދީފަ ކަނޑާލާފަ އެކަހަލަ ގޮތަކަށް ހަވީރުން ފެށިގެން ކަރަންޓު ދެނީ.'' އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ މިހާރު ކަރަންޓު ދެމުން އަންނަނީ 140 ވޮޓުގެ ޖަނަރޭޓަރުން ކަމަށާއި، އެޖަނަރޭޓަރުން މުޅި ރަށަށް ކަރަންޓު ދޭނެ ކެޕޭސިޓީ ނެތް ކަމަށެވެ.
އެރަށަށް ކަރަންޓުގެ މައްސަލަ ދިމާވާތާ ހަމަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާކަން ފާހަގަކުރައްވައި އަޝްރަފް ވިދާޅުވީ މިމައްސަލަ ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ އިތުރުން އިސްވެރިންގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ. ރަމަޟާންމަހު ކަރަންޓު ބޭނުން ކުރާ މިންވަރު އިތުވާނެތީ ހައްލު ކޮށްދިނުމަށް އެދިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަޝްރަފް ވިދާޅުވީ އައު ޖަނަރޭޓަރަކަށް އޯޑަރު ދީފައިވާ ކަމަށާއި، މިމަހުގެ 20ގައި އައުޖަނަރޭޓަރު ލިބޭނެ ކަމުގެ މައުލޫމާތު ވެސް ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން އަޝްރަފް ވިދާޅުވީ ކަރަންޓުގެ މައްސަލައަށް ހައްލު ނުލިބި ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިއުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށާއި، ރައްޔިތުންގެ އެތައް މުދަލަކަށް ވެސް ގެއްލުން ވެފައިވާ ކަމަށެވެ.
''ޓީވީ، ކޮންޕިއުޓަރު މިހެން ގޮސް ރައްޔިތުންގެ އަގުބޮޑެތި މުދާ ހަލާކުވެގެން އެކަމުގެ ޝަކުވާ އަޅުގަނޑުމެންނަށް ލިބޭ. ކުއްލި ކުއްލިއަށް ކަރަންޓު ކެނޑެނީ'' އަޝްރަފް ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ ކަރަންޓު ނެތުމުގެ ސަބަބުން ސްކޫލު ކުދިންނަށް ވެސް އެކަމުގެ ތަކުލީފުތައް ކުރިމަތިވާ ކަމަށެވެ. އަދި ސިއްހީ މަރުކަޒުގައި ކަރަންޓު ނެތުމުގެ ސަބަބުން ބަލި މީހަކު މަޑަވެއްޔަށް ގެންގޮސް އެޑްމިޓް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޝްރަފް ވިދާޅުވީ ކަރަންޓު އިރުއިރުކޮޅާ ކަނޑެމުން ދާތީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމަށާއި، އުންމީދު ކުރަނީ އަވަސް ހައްލެއް ލިބިގެން ދިއުން ކަމަށެވެ.