Advertisement
ކ. މާލެ
|
27 ފެބްރުއަރީ 2017 | ހޯމަ 15:42
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން: މިހާރު ހުންނެވީ 17 އަހަރުގެ ޖަލު ހުކުމެއްގައި
ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން: މިހާރު ހުންނެވީ 17 އަހަރުގެ ޖަލު ހުކުމެއްގައި
ރައީސް އޮފީސް
ޕްރޮސެކިއުޓާ ޖެނެރަލް
މުހުތާޒްގެ މައްޗަށް ކުރި ޓެރަރިޒަމުގެ ދައުވާ ނެރުނީ ރައީސް އޮފީހުން!
ރޭވި ރޭވުމުގައިވާ ގޮތަށް އަމަލެއް ހިންގާފައެއް ނެތް
ވަކީލުންގެ ލަފަޔަކީ ޓެރަރިޒަމަށް ފައްތަން އުނދަގޫވާނެ ކަމެއް
ދައުވާކުރީ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަކަށް ފަހު

ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިންގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރީ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމަކަށް ފަހު ކަން ރާއްޖެއެމްވީ އަށް ކަށަވަރުވެއްޖެ އެވެ.

 

ރާއްޖެއެމްވީ އަށް މައުލޫމާތު ދިން އިތުބާރު ހުރި މަސްދަރަކުން ބުނީ މުހުތާޒްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރީ، އެ ދައުވާ އެގޮތަށް ނުކުރެވޭނެ ކަމަށް އެ މައްސަލައާ ހަވާލުވި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ވަކީލުން ލަފާދީފައިވަނިކޮށް ކަމަށެވެ.

 

މަސްދަރު މައުލޫމާތު ދިން ގޮތުގައި، ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސައްޚަ ނޫން ކޯޓު އަމުރެއް ތައްޔާރުކޮށްގެން، އެމަނިކުފާނު ރަހީނުކުރަން އުޅުމުގެ ތުހުމަތު މުހުތާޒްގެ މައްޗަށް ކުރެވުނު އިރު، ޓެރަރިޒަމުގެ ދައުވާކުރީ ރަހީނުކުރަން އުޅުނު ކަމަށް ބުނާ ބަޔަށެވެ.

 

އެހެން ނަމަވެސް، ރަހީނުކުރަން އުޅުން ޓެރަރިޒަމުގެ ކުށަށް ފައްތަން އުނދަގޫ ކަމަށާއި، އެ އަމަލު ހިންގުމަށް އެކަށީގެންވާ ފިޔަވަޅެއް އެޅިފައިވޭތޯ ބަލަންޖެހޭ ކަމަށެވެ. ރައީސް ޔާމީންގެ ގެކޮޅު ކައިރިއަށް މީހުން އެއްވާ ގޮތަށް ރާވައި، އެތަނުން ފުލުހުންތަކެއް ގޮސް އަމުރާއެކު ރައީސް ޔާމީން ހައްޔަރުކުރަން ރާވާފައި އޮތް ނަމަވެސް، އެއިން އެއްވެސް ކަމެއް ނުހިނގަނީސް އެކަމަށް ބިނާކޮށް ގާނޫނީ ތަރަހައިގެ ތެރެއިން އެކަން ޓެރަރިޒަމަށް ނުފެއްތޭނެ ކަމަށެވެ.

 

ގާނޫނީ ގޮތުން އެކަން އެހެން އޮއްވާ، މުހުތާޒްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ބައެއް ވެރިން ރައީސް އޮފީހަށް ހާޒިރުކޮށް، އެ އޮފީހުގައި ބޭއްވި ބައްދަލުވުމަކަށް ފަހު ކަން ރާއްޖެއެމްވީ އަށް މައުލޫމާތު ދިން ތިން މަސްދަރަކުން ބުނެފައިވެ އެވެ.

 

އެ މަސްދަރުތަކުން މައުލޫމާތު ދިން ގޮތުގައި މުހުތާޒަށް ޓެރަރިޒަމުގެ ދައުވާ ކުރީ އެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެކުލަވާލި ގާނޫނީ ވަކީލުންގެ ޓީމަށް ވެސް ބައެއް ބަދަލުތައް ގެނެއުމަށް ފަހު އެވެ.

 

މިކަމާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ ބަހެއް ހޯދަން ތަކުރާރުކޮށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ. އަދި ރައީސް އޮފީހުގެ ބަހެއް ލިބޭ ގޮތް ވެސް ވަނީ ނުވެފަ އެވެ.

 

މުހުތާޒުގެ މައްޗަށް އުފުލި ޓެރަރިޒަމުގެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅައި މިދިޔަ އަހަރުގެ ޖޫން 9 ވަނަ ދުވަހު އޭނާ 17 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ވަނީ ހުކުމެއް ކުރައްވާފަ އެވެ.

 

އެ މައްސަލައިގައި މުހުތާޒުގެ އިތުރުން، އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް އުފުލި ޓެރަރިޒަމުގެ ދައުވާ ސާބިތުކޮށް، އޭނާ ވެސް 17 އަހަރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޖުމާނާ ތައުފީގު
- ކޮމެންޓް