ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދު އިބްރާހިމަށް އިނާޔަތް ލިބޭ ގޮތަށާއި ކުރީގެ ނައިބު ރައީސުންނަށް އިނާޔަތް ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގް ނުކުރައްވާ އަނބުރާ މަޖިލީހަށް ފޮނުވާލައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު "ރާއްޖެ އެމްވީ" އަށް ވިދާޅުވީ ފަނޑިޔާރުންނަށް އިނާޔަތް ދިނުމާ ބެހޭ ބިލް ރައީސް އަނބުރާ ފޮނުވާލެއްވީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ޚިލާފްވާތީ ކަމަށެވެ.
ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލުކުރަންޖެހޭ ގޮތެވެ. އެ މާއްދާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަމަލުކުރަން ވާނީ ގައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބަ އާއި މަންފާ އަށް އިސްކަންދީގެން ކަމަށެވެ. އެއްވެސް މެމްބަރަކު އެ މީހެއްގެ ނުވަތަ އެ މީހަކާ ޚާއްސަ ގުޅުމެއް އޮތް އެހެން މީހެއްގެ ވެސް ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުންކޮށްގެން ނުވާނެ ކަމަށާއި އިންތިޚާބުވީ ދާއިރާތައް ތަމްސީލް ކުރުމުގައި މުޅި ގައުމާއި ހުރިހާ ރައްޔިތުންގެ ލާބަ އާއި މަންފާ އަށް ރިއާޔަތްކުރުމަށް އެ މާއްދާގައި ވެއެވެ.
ކުރީގެ އުއްތަމަ ފަނޑިޔާރު ރަޝީދަށް އިނާޔަތް ދޭން ހުށަހެޅި ބިލް މަޖިލީހުން ފާސްކޮށްފައި ވަނީ 29 އެޕްރީލްގައި އޮތް ޖަލްސާގައެވެ. މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދެވެ. މި ބިލް ފާހަގަ ވެފައި ވަނީ މަޖިލީހަށް ހުށަހެޅުނު ހިސާބުން ފެށިގެންގޮސް، ކޮމިޓީ މަރުހަލާއިން ވެސް އަވަސް އަރުވާލައިގެން ދިރާސާކޮށް ނިންމާފައިވާ ބިލެއްގެ ގޮތުގައެވެ. މި ބިލް މަޖިލީހުން ފާސްކުރުމުން، ގިނަ ބަޔަކު ސޯޝަލް މީޑިޔާގައި ވަނީ ބިލް ތަސްދީގު ނުކުރުމަށް ރައީސް ސޯލިހަށް ގޮވާލައްވާފައެވެ.
މި ބިލްގެ އިތުރުން 18 ވަނަ މަޖިލިސް ނިމުމުގެ ކުރިން މަޖިލީހުން ފާސްކުރި ނައިބު ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަންދޭންޖެހޭ ބިލް ވެސް ތަސްދީގުނުކުރައްވައި ރައީސް ވަނީ އަނބުރާ މަޖިލީހަށް ފޮނުވާލައްވާފައެވެ.
ހޫދު ވިދާޅުވީ ރައީސް އެ ބިލް ތަސްދީގުނުކުރައްވައި އަނބުރާ ފޮނުވާލެއްވީ ނައިބު ރައީސުންނަށް އިނާޔަތްދޭންޖެހޭނެ ކަމަށް ބުނާ ބާބެއް ގާނޫނު އަސާސީގައި ހިމަނާފައި ނެތުމުން ކަމަށެވެ. ހޫދު ވިދާޅުވީ ބިލް އަނބުރާ ފޮނުވާލި އަނެއް ސަބަބަކީ ހިދުމަތް ކުރި މުއްދަތު ކަނޑައަޅާފައި ނެތުން ކަމަށެވެ. މިސާލެއްގެ ގޮތުން ހޫދު ވިދާޅުވީ ދެ މަހަށް ނައިބު ރައީސްކަން ކުރެއްވިޔަސް އިނާޔަތް ދޭންޖެހޭ ގޮތަށް ބިލް އޮތުން ކަމަށެވެ. ނައިބު ރައީސް ކަން ކުރެއްވި ބޭފުޅުންނަށް ރައްކާތެރިކަން ދިނުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ.
ނައިބު ރައީސުންނަށް އިނާޔަތާއި ރައްކާތެރިކަން ދޭން ހުށަހެޅި ބިލްގައި ވަނީ ނައިބު ރައީސްކަން ކޮށްފައިވާ ފަރާތަކަށް ޑިޕްލޮމެޓިކް ޕާސްޕޯޓާއި، ވީ އައިޕީގެ އިތުރުން، ބޭނުންވެއްޖެ ނަމަ ސެކިއުރިޓީ ވެސް ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ. މީގެ އިތުރުން ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ބޭސްފަރުވާގެ ހިދުމަތް ފޯރުކޮށްދޭންޖެހޭނެ ކަމަށް ބިލްގައި ބުނެފައި ވެއެވެ. ބިލްގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވެފައިވާ އެއްވެސް ފަރާތަކަށް އިނާޔަތާއި ރައްކާތެރިކަން ނުލިބޭނެ ކަމަށެވެ.