އަލް ފަތުހު ހައްޖު އެންޑް އުމްރާ ގްރޫޕަށް ފައިސާ ދެއްކި މީހުންގެެ ތެރެއިން ގެއްލުމުގެ ބަދަލު ނުލިބޭ ފަރާތްތަކުގެ މައުލޫމާތު ހިއްސާކޮށްދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިއްޖެ އެވެ.
އެ މައްސަލައަކީ ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ 2015 ވަނަ އަހަރު އަލް ފަތުހު ހައްޖު އަދި އުމްރާ ގްރޫޕަށް ދީފައިވާ ކޯޓާގެ އަދަދަށްވުރެ އިތުރަށް އެ އަހަރު ހައްޖަށް ގެންގޮސް ދޭނެ ކަމަށް ބުނެ، އިތުރު 72 މީހެއްގެ އަތުން ފައިސާ ނަގައި، ހައްޖަށް ގެންގޮސް ދީފައި ނުވާ މައްސަލައެކެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އާންމުކުރި ބަޔާނެއްގައި ބުނީ މައްސަލައަކީ މުޖުތަމައުގެ މަސްލަހަތު ވަރަށް ބޮޑަށް ހިމެނޭ މައްސަލައެއް ކަމަށެވެ. އަދި މައްސަލާގައި ގެއްލުމުގެ ބަދަލު ލިބެންޖެހޭ އެތައް ބަޔަކަށް ގެއްލުމުގެ ބަދަލު ލިބިފައި ނުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އޭގެ އިތުރުން، އެ މައްސަލާގައި ގެއްލުމުގެ ބަދަލު ލިބިފައިނުވާ ފަރާތްތައް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސާރވިސްއިން މަސައްކަތް ކުރުމުންވެސް ބައެއް ފަރާތްތަކަށް އަދިވެސް ގުޅިފައިނުވާ ކަމަށާއި، މައްސަލާގައި ބަދަލުނުލިބޭ ފަރާތެއް ހުރި ނަމަ މޭ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ފުލުހަށް އެކަން އެންގުމަށްވެސް ޕީޖީ އޮފީހުން އެދިފައިވެއެވެ.
1435 ވަނައަހަރު ޙައްޖަށް މީހުން ގެންގޮސްދޭނެ ކަމަށްބުނެ ގިނަ ޢަދަދެއްގެ މީހުން އަތުން މަކަރާއިޙީލަތުން ގިނަ ޢަދަދެއްގެ ފައިސާ ނަގައި އެފައިސާއަށް ޚިޔާނާތްތެރިވެފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާގުޅޭ ނޫސް ބަޔާން pic.twitter.com/OLu5Yuqj1T
— PGOMV (@PGO_MV) May 14, 2019
މި މައްސަލަ ޕީޖީ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، މިދިޔަ އަހަރު ކްރިމިނަލް ކޯޓުން ވަނީ އަލް ފަތުހު ހައްޖު އަދި އުމްރާ ގްރޫޕްގެ މެނޭޖިން ޑިރެކްޓަރު މުސްތަފާ މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތު ނުވާކަމަށް ހުކުމް ކޮށްފައެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ މި ދައުވާގެ މައްޗަށް ބިނާވެގެން ކުރެވިފައިވާ ތަހުޤީޤުތައް ފުރިހަމަ ނޫން ކަމަށާއި، އެއީ ޤާނޫނީ ގޮތުން ބާތިލު ތަހުޤީޤެއް ކަމަށެވެ. މީގެ އިތުރުން ދިފާއީ ހެކިންގެ ހެކިބަހުން މުސްތަފާ އެ ދައުވާ އަށް އިންކާރުކޮށް ދައްކާފައިވާ ވާހަކަތަކަށް ބާރުލިބޭ ކަމަށާއި އެކަންކަން ނަފީ ކުރެވޭނެ ޤާނޫނީ ހެއްކެއް ނުވަތަ ޤަރީނާއެއް ދައުލަތުން ހުށައަޅާފައި ނުވާ ކަމަށް ވެސް ހުކުމުގައި ބަޔާންކޮށްފައި ވެއެވެ.
އެ މައްސަލާގައި ހައްޖަށް ގެންގޮސް ދޭނެ ކަމަށް ބުނެ 2015 ވަނަ އަހަރު އަލް ފަތުހު ހައްޖު އަދި އުމްރާ ގްރޫޕަށް ދީފައިވާ ކޯޓާގެ އަދަދަށްވުރެ އިތުރަށް އެ އަހަރު ހައްޖަށް ގެންގޮސް ދޭނެ ކަމަށް ބުނެ، އިތުރު 72 މީހެއްގެ އަތުން ފައިސާ ނަގައި، ހައްޖަށް ގެންގޮސް ދީފައި ނުވާތީ އެ ފަރާތްތަކަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށްއެދި ގިނަ ފަރާތްތަކަކުން ވަނީ އަޑުއުފުލާފައެވެ.