ރާއްޖޭގެ ރަށެއްގައި 15 އަހަރުގެ ފުރާވަރު ކުއްޖަކު ވިހެއި ދަރިފުޅު މަރުވި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
ނަމަވެސް އެކަމާ ބެހޭ ގޮތުން އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ އެ އަންހެން ކުއްޖާ ރައްޓެހިވެގެން އުޅޭ މީހާއެވެ. އެންގިފައިވާ ގޮތުގައި އެ ކުއްޖާ ވިއްސާފައި ވަނީ ސިއްހީ މަރުކަޒަށް ނުގެންގޮސް ގޭގެ ފާހާނާ ތެރޭގައެވެ. ކުއްޖާ މަރުވީ ކަމެއް މަރާލީކަން ނޭނގޭ ކަމަށް އެ ރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.
މިހާރު 15 އަހަރުގެ ކުއްޖާ އަށް އިތުރަށް ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާކަން ވަނީ އެނގިފައެވެ. އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައީ ދަރިފުޅުގެ ފޫޅުކެންޑުމުގެ ތެރޭގައި ލޭ މަނާނުވެގެންނެވެ. އެހެންކަމުން ލޭ ވެސް އަޅަންޖެހުނު ކަމަށް މައުލޫމާތ ދިން ފަރާތުން ބުންޏެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނީ އުމުރުން 14 އަހަރުގައި ބަލިވެ އިން ކުއްޖާ އުޅެނީ އެ ރަށު ސްކޫލުގެ ގްރޭޑް ނުވައެއްގައި ކަމަށާއި ދާދިފަހަކާ ޖެހެންދެން ވެސް އެ ކުއްޖާ ސްކޫލަށް ވެސް ދިޔަ ކަމަށެވެ. އަދި ބަލިވެއިންކަން ރަށު މީހުންނަށް ނޭނގޭ ކަމަށާއި އެކަމުގައި އެ ކުއްޖާގެ ގޭގެ މީހުންގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމަށެވެ.
ފުރާވަރު ކުއްޖަކު ބަލިވެ އިނދެ، ވިހައިގެން އުޅޭ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ހޯމަ ދުވަހުގެ ހެނދުނުއެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާތީ އާއި ކުޑަކުއްޖަކަށް ވާތީ އެ ކުއްޖާގެ ވަނަވަރު ސިއްރު ކޮށްދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.