ފިޗް ރޭޓިންގސް އިން ރާއްޖެއަށް ކަނޑައަޅާފައިވާ ބީ ޕްލަސް ސޮވެރިން ކްރެޑިޓް ރޭޓިންގ ދަމަހައްޓައިފި އެވެ.
މިއީ 2017 ވަނަ އަހަރު ކަނޑައެޅި އިނީޝަލް ރޭޓިންގެ ފަހުން މި އަހަރުކުރި ރިވިއުގައި ދީފައިވާ ރޭޓިންގއެކެވެ.
ސޮވެރިން ކްރެޑިޓް ރޭޓިންގއަކީ ދައުލަތެއްގައިވާ ދަރަނި އަނބުރާ އަދާކުރުމުގެ ގާބިލްކަން ހުރި މިންވަރު އަންދާޒާކުރުމަށް، އެ މަސައްކަތަށް ހާއްސަ މިނިވަން އިދާރާއެއް މެދުވެރިކޮށް ތައްޔާރުކުރާ އެސެސްމަންޓްގެ ނަތީޖާއަށް ކިޔާ ނަމެކެވެ.
ފިޗުން އެ ކުންފުނީގެ ވެބްސައިޓްގައި ބުނެފައިވާ ގޮތުގައި ބީ ޕްލަސް ރޭޓިން ދަމަހައްޓާފައި ވަނީ ރާއްޖޭގެ އިތުރުވެފައިވާ ދަރަންޏާއި، ރާއްޖެއިން ކުރަމުންދާ ހަރަދުގެ ނިސްބަތުން ބަލާއިރު، ބޭރު ފައިސާގެ ރިޒާވް މަދުވުމުން ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް، އައާ އެކަށޭނެ ވަސީލަތްތައް ރައްޖޭގައި ހުރިކަމަށް ފާހަގަކުރެވޭތީ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން (ޖީޑީޕީ) އިތުރުވަމުްނދާ މިންވަރާއި، ކުރިއަރަމުންދާ ރާއްޖޭގެ ފަތުރުވެެރިކަމުގެ ސިނާއަތުން ދައުލަތަށް ލިބެމުންދާ އާމްދަނީ އިތުރުވާނެ ކަމަށް ކުރެވޭ އަންދާޒާއާއި، ރާއްޖޭގެ ސްޓްރަކްޗަރަލް އިންޑިކޭޓަރުތަކުގެ ދުޅަހެޔޮކަން ފިޗުން ފާހަގަކޮށްފައި ވެއެވެ.
އޭގެ އިތުރުން ދައުލަތުގެ ހަރަދުތައް ދެ ފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިޔުމަށް ކުރާ މަސައްކަތް ފާހަގަ ކޮށްފަ އެވެ. އަދި މުޅި ރާއްޖެއަށް ފައިދާވާނެ ގޮތަށް ދާހިލީ ގުޅުންތައް ބަދަހި ކުރުމަށް ކުރާ މަސައްކަތާއި، އުމްރާނީ ބޮޑެތި މަސައްކަތްތައް ކުރިއަށްގެންދިޔުމާއި، ބޯހިޔާވެހިކަމުގެ މަޝްރޫއުތައް ކުރިއަށްގެންދިޔުމަށް ކުރާ މަސައްކަތްތައްވެސް ފިޗްއިން ފާހަގަކޮށްފައި ވެއެވެ.
ފިނޭންސް މިނިސްޓްރީ އިން ބުނީ، ފިޗްގެ ނިންމުމުން ސަރުކާރުގެ ސިޔާސަތުތަކަށް އެފަރާތަށް އޮތް އިތުބާރު ދައްކުވައިދޭ ކަމަށެވެ.
ރައްޖޭގެ ކްރެޑިޓް ރޭތިން ތައްޔާރުކުރުމުގެ މަސައްކަތް ހަވާލުކޮށްފަިއވަނީ ފިޗްގެ އިތުރުން މޫޑީސްއާއެވެ. އެ ދެ ކުންފުނިން އަންނަނީ ކޮންމެ އަހަރަކު ރާއްޖޭގެ އިޤްތިސާދުގެ ހާލަތު ދެނެގަންނަމުންނެވެ.