ޕެންޝަން ސްކީމުން ހައްޖަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަންނަ މަހުގެ ތެރޭގައި ހަދަންޖެހޭ ގަވައިދު އާންމުކުރާނެ ކަމަށް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބުނެފިއެވެ.
ޕެންޝަން ޤާނޫނަށް ގެނައި އިސްލާހާ އެކު، ޕެންޝަން ސްކީމްގެ ތެރެއިން ހައްޖަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ގަވައިދެއް ހަދަންޖެހެ އެވެ. އެ ގަވައިދު ހެދުމަށް ޕެންޝަން އޮފީހަށް ދީފައި ވަނީ ތިން މަސް ދުވަހުގެ މުއްދަތެކެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ޕެންޝަން އޮފީހުގެ ސީއީއޯ މުހައްމަދު ހުސައިން މަނިކު ވިދާޅުވީ، އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ގަވާއިދު އާންމުކުރެވޭނެ ކަމަށެވެ. ހަމައެއާ އެކު ނިންމަންޖެހޭ ބައެއް އިދާރީ ކަންކަން ނިންމުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް މަނިކު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕެންޝަން އޮފީހުގެ އަމާޒަކީ ވީއެންމެ އަވަހަކަށް، ޕެންޝަން ސްކީމް މެދުވެރިކޮށް ހައްޖަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. ނަމަވެސް މި އަހަރުގެ ހައްޖަގެ އަޅުކަމަށް ޕެންޝަން ސްކީމުން ފައިސާ ދެއްކޭނެކަމުގެ ޔަޤީންކަން ދެއްވަން ދަތި ކަމަށް މަނިކު ވިދާޅުވި އެވެ. ނަމަވެސް ގަވާއިދު އާންމުކޮށް، މަސައްކަތްތައް ނިމުމާ އެކު މި އަހަރުގެެ ހައްޖުގެ އަޅުކަމަށް ފައިސާ ދެއްކުމުގެ މުއްދަތެއް އޮތް ނަމަ އެ ފުރުސަތު އޮންނާނެ ކަމަށް މަނިކު ވިދާޅުވިއެވެ.
ހައްޖަށް ދިއުމަށް ޕެންޝަން ފަންޑުގެ ފައިސާ ބޭނުން ކުރެވޭ ގޮތް ހެދުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.
ޤާނޫނަށް ގެނައި އިސްލާހްގައި ބުނެފައިވާ ގޮތުން ޕެންޝަން ފަންޑުން ބޭނުންކުރެވޭނީ އެ އަހަރަކު ހައްޖަށް ދާން ދައްކަން ޖެހޭ ރަސްމީ އަގުގެ ގޮތުގައި ސަރުކާރުން ކަނޑައަޅާ އަދަދުގެ 50 ޕަސަންޓް އެވެ. އަދި އެ ފުރުސަތު އޮންނާނީ ހަމައެކަނި އަލަށް ހައްޖަށްދާ ފަރާތްތަކަށެވެ.