އައްޑޫ ސިޓީގައި 24 ގަޑިއިރުގެ ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައި ވަނީ އެންމެ ފަރާތަކުން ކަމަށާއި، އެ ފަރާތަށް އަންނަ ހަފްތާގައި ހުއްދަ ދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އައްޑޫގައި 24 ގަޑިއިރު ވިޔަފާރި ކުރަން ފުރުސަތު ހުޅުވާލާފައި ވަނީ، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، ހުއްދަ ދިނުން ލަސްވެގެން ދިޔައީ އިދާރީ ބައެއް ކަންތައް ފުރިހަމަ ނުވެ ހުރުމުން ކަމަށެވެ. އެހެން ނަމަވެސް އަންނަ ހަފްތާގައި އެ ފަރާތައް ހުއްދަ ދޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އާމިނަތު ނާދިޔާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެއް ފަރާތަށް ހުއްދަ ދިނުމުން އިތުރު ފަރާތްތަކުން ހުއްދަ އަށް އެދޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ސައުވީސް ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ އަށް އެދި ހުށައަޅަ ތަންތަން ވާންޖެހެނީ ސާފުކޮށް އެތެރެ ފެންނަ ގޮތަށް އަލިކުރެވިފައިވާ ތަންތަނަށެވެ. އަދި ކެމެރާ ހަރުކުރެވި މޮނީޓާކުރުން ފަދަ ކަންކަން ހިމެނޭ ގޮތަށް މިނިސްޓްރީން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާންޖެހެއވެެ. އެ ތަންތަނުގައި '24/7' ބޯޑެއް އިމާރާތުގައި ބޭރަށް ފެންނަން ހުންނަނަވާނެއެވެ.
މާލޭގައި ސައުވީސް ގަޑިއިރުގެ ވިޔަފާރިކުރަން އިކޮނޮމިކް މިނިސްޓްރީން ވަނީ 14 ތަނަކަށް ހުއްދަ ދީފައެވެ.