ލަންކާގެ މުސްލިމުންނަށް އަމާޒުކޮށް، އެގައުމުގެ އެހެން ދީންތަކުގެ މީހުން ދިން ހަމަލާތަކުގައި އެކަކު މަރުވެއްޖެއެވެ.
އީސްޓަރ ސަންޑޭ ހަމަލާ އަށް ފަހު، ސްރީލަންކާގައި ހިނގައި ދިޔަ އެންމެ ބޮޑު ހަމަނުޖެހުން ހިނގާފައި ވަނީ ހޯމަ ދުވަހުއެވެ. ހޯމަ ދުވަހު މުސްލިމުންނާ ދެކޮޅަށް ހިންގި ބިރުވެރި ހަމަލާގައި އުމުރުން 45 އަހަރުގެ މުސްލިމަކު ވަނީ މަރުވެފައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަތަނުން ވަނީ މަރުވެފައެވެ. އޭނާ މަރުވެފައިވަނީ ޕުއްތަލަމް ޑިސްޓްރިކްގައި އެހެން ދީންތަކުގެ މީހުން، މުސްލިމުންނާ ދެކޮޅަށް ދިން ހަމަލާތަކުގައި ކަމަށް އޭއެފްޕީ ނިއުސްއިން ވަނީ ބުނެފައެވެ.
މުސްލިމުންނާ ދެކޮޅަށް ލަންކާގައި ފަށާފައިވާ ހަމަނުޖެހުންތަކާ ގުޅިގެން، ހޯމަދުވަހުގެ ރޭ 9:00 އިން ފެށިގެން ފަތިހު ހަތަރެއް ޖަހަންދެން ވަނީ ކާރފިއު އިއުލާންކޮށްފައެވެ.
އޭއެފްޕީ ނިއުސްއަށް މައުލޫމާތު ދެމުން ލަންކާގެ އޮފިޝަލަކު ބުނެފައި ވަނީ އެ ގައުމުގައި ކާރފިއު އިއުލާންކޮށްފައި ވަނީ މުސްލިމުންނަށް އަމާޒުކޮށް އެހެން ދީންތަކުގެ މީހުން ދެމުން ގެންދާ ހަމަލާތައް ހުއްޓުވުމަކަށް ގެނައުމުގެ ގޮތުން ކަމަށެވެ. އެހެން ނަމަވެސް ކާރފިއު ހިނގާފައިވާ ގަޑިތަކުގައި ވެސް ފުލުހުންގެ ހާޒިރުގައި މުސްލިމުންގެ ގެދޮރާއި މުދަލަށް ގެއްލުން ދޭ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ވަނީ އާންމުވެފައެވެ. މުސްލިމުންގެ ވިލެޖްތަކުގައި ރޯކޮށްލައި، އެ މީހުންގެ ގަހަނާތައް ލޫޓުވާލުން ފަދަ ކަންތައް ވަނީ ކޮށްފައެވެ. އަދި އެކަންކަން ހުއްޓުވަން ފުލުހުން މަސައްކަތްކޮށްފައި ނުވުމާއި ހަމަނުޖެހުން ހިންގުމަށް މަގުފަހިކުރާ މަންޒަރުތައް ވެސް ވަނީ އާންމުވެފައެވެ.
އުތުރު ވެސްޓަރން ޕްރޮވިންސްގައި މުސްލިމުން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި މިސްކިތްތަކާއި، މުސްލިމުންގެ ވިޔަފާރިތަކަށް އެހެން ދީންތަކަށް ނިސްބަތްވާ ގްރޫޕްތަކުން ވަނީ ހަމަލާދީފައެވެ. ރޮއިޓަރސް އަށް މައުލޫމާތު ދެމުން އެ ސަރަހައްދުގައި ދިރިއުޅޭ ނަން ހާމަކުރަން ބޭނުންނުވާ މުސްލިމަކު ބުނެފައި ވަނީ ރައިޓް ގިއަރުގައި ތިބި އެތައް ސަތޭކަ ފުލުހުންނާއި، ސިފައިން ކުރިމަތީގައި އެ ގްރޫޕްތަކުން މުސްލިމުންގެ ގެތަކާއި ފިހާރަތައް އަންދާފައިވާ ކަމަށެވެ.
"އެ މީހުން އަހަރެމެންގެ މިސްކިތްތަކާއި، ފިހާރަތައް އަންދާލީ ރައިޓް ގިއަރުގައި ތިބި ފުލުހުންނާއި، ސިފައިންގެ ކުރިމަތީގައި. އަހަރެމެން ގެއިން ނިކުންނަން މަސައްކަތް ކުރުމުން އެ މީހުން އަންގަނީ ގެއިން ނުނިކުމެ ގޭތެރޭގައި ތިބުމަށް،" އޭނާ ބުންޏެވެ.
ހޯމަ ދުވަހުގެ ރޭ 9:00 އިން އަންގާރަ ދުވަހުގެ ފަތިހު 4:00 އަށް ކާފިއު އިއުލާން ކުރިއިރު، މީގެ ކުރިން ވެސް ނޯތް ވެސްޓަރން ޕްރޮވިންސްގައި މުއްދަތެއް ނެތް ގޮތަށް ކާރފިއު އިއުލާންކޮށްފައި ވެއެވެ. އެ ކާރފިއު ހިނގަނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 6:00 އަށެވެ.
ލަންކާގައި މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުން ފެށިފައި ވަނީ ފޭސްބުކްގައި މުސްލިމް ވިޔަފާރިވެރިއަކު ކުރި ޕޯސްޓަކާ ގުޅިގެންނެވެ. ހުޅަނގު އުތުރުން އޮންނަ ޗިލޯގެ ވިޔަފާރިވެރިއަކު ކުރި ފޭސްބުކް ޕޯސްޓްގައި ބުނެފައި ވަނީ "މާ ބޮޑަށް ނުހޭށެވެ. އެއް ދުވަހަކުން ރޯންޖެހޭނީ ކަލޭމެންނެވެ." އެ ޕޯސްޓާ ގުޅިގެން އެހެން ދީންތަކުގެ މީހުން އެއީ އިންޒާރެއް ކަމަށް ބަލައި ރުޅިގަދަވިއެވެ. މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުންތައް ފެށުނީ ހުޅަނގު އުތުރުން އޮންނަ ޗިލޯގައި ނަސާރާއިން މިސްކިތްތަކަށާއި މުސްލިމުންގެ ފިހާރަތަކަށް ގާއުކަން ފެށުމާ ގުޅިގެންނެވެ. އެ އަވަށުގައި ހަމަނުޖެހުން ހިންގަން އުޅުނު މީހުން ދުރުކުރަން ފުލުހުން ފަޒާޔަށް ބަޑިޖަހާފައިވާ އިރު، ކުޑަ އިރުކޮޅެއްގެ ތެރޭގައި މި ހަމަނުޖެހުން އަވައްޓެރި އަވަށްތަކަށް ފެތުރި، އެ ތަންތަނުގައި ވެސް މުސްލިމުންގެ ފިހާރަތަކަށް ހަމަލާދީފައި ވެއެވެ.
ކަމާ ބެހޭ ފަރާތްތަކުން ވަނީ މި ދަނޑިވަޅުގައި ނަފްރަތު އުފެދޭ އަދި ހަމަނުޖެހުމަށް މަގުފަހިވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފައެވެ. އަދި އެ ސަރަަހްދުތަކުން މިހާރު ވަނީ ސޯޝަލް މީޑިއާ ބްލޮކްކޮށްފައެވެ.
ލަންކާގައި އީސްޓަރ ސަންޑޭގައި ދިން ބޮމުގެ ހަމަލާގައި 256 މީހުން ވަނީ މަރުވެފައެވެ. މި ހަމަލާ އަމާޒުވީ ހަތަރު ހޮޓަލަކަށާއި ނަސާރާއިންގެ ތިން ފައްޅިއަކަށެވެ. މި ހަމަލާގެ ޒިންމާ އައިސިސްއިން ނަގާފައިވާ އިރު، އެ ހަމަލާދިނީ ލަންކާގައި ހަރަކާތްތެރިވާ އެންޓީޖޭ ޖަމާއަތުގެ މެމްބަރުންތަކެކެވެ. ހަށިގޮއްވާލައިގެން ދިން ހަމަލާތަކާއި ގުޅިގެން ލަންކާގައި ދިރިއުޅޭ މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންނާ މެދު ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. އެގޮތުން މިދިޔަ ހަފުތާގެ ތެރޭގައި ނެގަމްބޯގައި ވެސް މުސްލިމުންގެ ވިޔަފާރިތަކަކަށް ހަމަލާދީފައި ވެއެވެ.