ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނޭޅި ކެނޑިޑޭޓުންގެ މައްސަލަތައް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ (ޕީޖީ) އޮފީހަށް ފޮނުވުމުން އެ މައްސަލަތައް އަނބުރާ އިލެކްޝަންސް ކަމިޝަން (އީސީ) އަށް ފޮނުވާލައިފި އެވެ.
ރާއްޖެ.އެމްވީއަށް މައުލޫމާތުދެއްވަމުން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ އޮފިޝަލަކު ބުނީ އިލެކްޝަންސްއިން ދައުވާކުރަން ފޮނުވި ރިޕޯޓުގައި، ތަހުގީގު ކުރަންޖެހޭ ކަންތައްތަކެއް ހުރުމުން އެކޮމިޝަނަށް މައްސަލަތައް އަނބުރާ ފޮނުވާފައިވާ ކަމަށެވެ.
އެކަމާއި ގުޅިގެން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ (ޕީޖީ) އިން އެދޭގޮތަށް ރިޕޯޓް ފުރިހަމަ ކުރުމަށްފަހު ރިޕޯޓް އަލުން ޕީޖީއަށް ފޮނުވާނެކަމަށެވެ. އެހެން ނަމަވެސް އެރިޕޯޓުގައި ފުރިހަމަ ކުރަންޖެހޭނީ ކޮން ކަންތައްތަކެއް ކަމެއް އޭނާވެސް ވިދާޅެއްނުވެއެވެ.
އެނގިފައިވާގޮތުގައި ޕީޖީން އަނބުރާ ފޮނުވާލި ރިޕޯޓުގައި ފުރިހަމަކުރުމަށް ހިމަނާފައިވަނީ މާލީ ބަޔާން ހުށަނޭޅި ކެނޑިޑޭޓުންނާއި، ސުވާލުކޮށް، އެ މީހުންގެ ބަޔާންތައް ނަގައި، އެ ބަޔާންތައް ފޮނުވުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 386 ކެންޑިޑޭޓުން ވާދަކުރިއެވެ. އޭގެ ތެރެއިން މާލީ ބަޔާން ހުށަނާޅަނީ 39 ކެންޑިޑޭޓުންނެވެ. އެ 39 ކެންޑިޑޭޓުންގެ ތެރޭގައި މެމްބަރުކަމަށް ހޮވުނު އެއްވެސް ފަރާތެއް ނުހިމެނޭ ކަމަށް އިލެކްޝަންސް އިން ބުންޏެވެ.
މާލީ ބަޔާން ހުށަނާޅާ ކެންޑިޑޭޓުންގެ ތެރޭގައި ހިމެނެނީ އަމިއްލަ ގޮތުން ވާދަކުރި 31 ކެންޑިޑޭޓުން، އޭގެތެރޭގައި ޕީޕީއެމްގެ ދެ ކެންޑިޑޭޓުން، މޯލްޑިވްސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީއިން ދެ ކެންޑިޑޭޓުން، އެމްޓީޑީގެ ދެ ކެންޑިޑޭޓުން، އަދާލަތު ޕާޓީ އާއި ޕީއެންސީ އިން އެއް ކެންޑިޑޭޓެކު ހިމެނެ އެވެ.
އިންތިޚާބާ ބެހޭ ގާނޫނު ބުނާގޮތުން އިންތިޚާބާ ގުޅޭ މާލީ ކަންކަމާ ބެހޭ ގޮތުން ކޮށްފައިވާ މަޢުލޫމާތާ ތަކެތި ހިމެނޭގޮތުގެ މަތިން ރިޕޯޓެއް ތައްޔާރުކޮށް އިންތިޚާބު ބާއްވާ ތާރީޚުން ފެށިގެން 21 ދުވަހުގެ ތެރޭގައި އިލެކްޝަންސް ކަމިޝަނަށް ހުށަހަޅަން ޖެހެއެވެ.
މާލީ ބަޔާން ހުށައެޅުމަށް މުއްދަތު ހަމަވެފައިވަނީ އެޕްރީލް މަހުގެ 27 ގެ ނިޔަލަށެވެ.
އިންތިޚާބާއި ބެހޭ ގާނޫނު ބުނާ ގޮތުން އެ ގާނޫނުގައި ވަކި ގޮތަކަށް ކުރުމަށް ކަނޑައެޅިފައިވާ ކަމެއް އެނޫން ގޮތަކަށް ކޮށްފި މީހަކު ނުވަތަ ކުރަން އުޅެފި މީހަކު ކުށްވެރި ވެއްޖެނަމަ އެމީހެއްގެ އަދަބަކީ ހަ މަސްދުވަހާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ 6،000ރ. އާއި 24،000 އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.