ތ.ތިމަރަފުށީގައި މި އަހަރުގެ މާޗު މަހުގެ 13 ވަނަ ދުވަހު ހިނގި އެކްސިޑެންޓްގައި ބޮޑެތި އަނިޔާތަކެއް ލިބުނު ޒުލޭހާ އަބްދުލް ޣަނީ މަރުވެއްޖެއެވެ.
އުމުރުން 52 އަހަރުގެ ޒުލޭހާ މަރުވީ ސްރީލަންކާގައި އިތުރު ފަރުވާ ހޯދަމުން ދަނިކޮށް، ހޯމަ ދުވަހުގެ ރޭ ދަންވަރު 01:20 ގައި ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.
އެކްސިޑެންޓްގައި ޒުލޭހާގެ ބޮލުގެ ތިން ތަނެއް ފަޅައިގެން ގޮސް، ސިކުނޑިއަށް ލޭ ވަނީ އެޅިފައެވެ. އަދި އޭނާ ލަންކާގައި މަރުވީ ގިނަ ދުވަސްތަކެއްވަންދެން ކޯމާއެއްގައި އޮއްވާ ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.
ޒުލޭހާއަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫއިންވެސް ފަރުވާދީފައިވާއިރު، އޭރުވެސް އޭނާ އޮތީ ވެންޓިލޭޓަރުގައެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ތިމަރަފުށީ ހިއްކި ސަރަހައްދުން އެއާޕޯޓަށް ދާން އޮންނަ މަގުން ހިނގާފައި ދަނިކޮށް، ބާރަށް ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލުން ނެއްޓި، އޭނާގެ ގައިގައި ޖެހުމުންނެވެ.
މި މައްސަލައާ ގުޅިގެން ވޭން ދުއްވަން އިން ދިވެހި މީހާގެ ލައިސަންސް ހިފަހައްޓާފައިވާއިރު، މި މައްސަލަ ތަހުގީގު ފުރިހަމަކުރުމަށްފަހު ފުލުހުން ވަނީ ތ.އަތޮޅު ޕީޖީ ގޮތްޕާ ހަވާލުކޮށްފައެވެ. އަދި މި މައްސަލައިގައި ދައުވާކުރުމުގެ ކަންތައް ބާރަށް ކުރިޔަށްދާކަމަށް މައުލޫމާތު ލިބެއެވެ.