ބްރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ފުލުހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ ހޯމަ ދުވަހު ހަވީރު 3:15 ހާއިރު ބުރިޖު ހައިވޭގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓްވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބުރިޖު ހައިވޭގައި ކާރެއްގެ ފުރޮޅު ފަޅައިގެން ގޮސްގެން މަގުގެ އެއްފަރާތުގައި މަޑުކޮށްގެން އޮއްވާ މާލެ ފަޅިން ފަހަތުން އައި ސައިކަލަކުން ކާރުގައި ޖެހިގެން ކަމަށެވެ.
ސައިކަލު ދުއްވަން އިން 29 އަހަރުގެ ފުލުސްމީހާގެ ބޯ ފަޅައިގެން ގޮސް ނޭފަތާއި އަނގައިން ލޭ އައިސް ދަތްދޮޅި މަށައިގެން ގޮސްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އޭނާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައިވާ ކަމަށާއި ކާރު ދުއްވަން އިން މީހާޔާއި އަދި ފުލުސް މީހާގެ އަތުގައިވެސް ލައިންސަންސް އޮތް ކަމަށް ފުލުހުން މައުލާމާތުދެއެވެ.
މީގެ އިތުރުން ވެސް ހޯމަ ދުވަހު އަމީނީމަގު ފުރުގާން މިސްކިތް ކުރިމަތިން ދެ ސައިކަލުޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިގާފައިވާއިރު އާދިއްތަ ދުވަހު ދަރުބާރުގެ ކައިރީގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނެއްގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ.
މި ރަމަޟާންމަހު މާލޭގަ އާއި ހުޅުމާލޭގެ އިތުރުން ބުރިޖު ހައިވޭގައި މިފަދަ އެކްސިޑެންތައް ހިނގުން އިތުރުވެފައިވާ ކަން ފާހަގަ ކުރެވިފައިވެއެވެ.
ރަމްޟާން މަހާއި ދިމާކޮށް މާލެގޭ ޓްރެފިކް ފްލޯއަށް ވެސް ބޮޑަތި ބަދަލުތަކެއް ގެނެސް މާލޭ ސިޓީގައި ކާރުބާރު ބޮޑުވާ ސަރަހައްދު ތަކުގެ ޓްރެފިކްގެ ކަންކަން ބެލެހެއްޓުމަށް ވެސް ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވާކަން ފާހަގަ ކޮށްލެވެއެވެ.