ކ. މާލެ
|
13 މެއި 2019 | ހޯމަ 20:26
ލަންކާގައި ހުންނަ މިސްކިތަކަށް ހަމަލާދީފައި
ލަންކާގައި ހުންނަ މިސްކިތަކަށް ހަމަލާދީފައި
ރޮއިޓަރސް
ލަންކާގައި ދިން ބޮމުގެ ހަމަލާ
މުސްލިމުންނާ ދެކޮޅު ހަމަނުޖެހުން ބޮޑުވެ، މުޅި ލަންކާގައި ކާފިއު އިއުލާންކޮށްފި
ކާފިއު އިއުލާންކުރީ މުސްލިމުންނަށް އަމާޒުކޮށް ދިން ހަމަލާތަކަކާއި ގުޅިގެން
ސޯޝްލް މީޑިއާ ސައިޓްތައް ބްލޮކްކޮށްފައި

ލަންކާގައި މުސްލިމުންނަށް އަމާޒުކޮށް ދޭ ހަމަލާތައް ގިނަވެ، ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށް މުޅި ލަންކާގައި ކާފިއު އިއުލާން ކުރަން ނިންމައިފިއެވެ.

ހޯމަ ދުވަހުގެ ރޭ 9:00ން އަންގާރަ ދުވަހުގެ ފަތިހު 4:00ށް ކާފިއު އިއުލާން ކުރަން ނިންމާފައިވާ އިރު، މީގެ ކުރިން ވެސް ނޯތް ވެސްޓަރން ޕްރޮވިންސްގައި މުއްދަތެއް ނެތް ގޮތަށް އިއުލާންކޮށްފައިވެއެވެ. އެ ކާފިއު ހިނގަނީ ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 6:00 ވަން ދެނެވެ. މުޅި ގައުމުގައި ކާފިއު އިއުލާންކޮށްފައިވާ ކަން އެ ގައުމުގެ ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރަ ކަށަވަރުކޮށްދެއްވިއެވެ.

ފޭސްބުކްގައި މުސްލިމް ވިޔަފާރިވެރިއަކު ކުރި ޕޯސްޓަކާއި ގުޅިގެން، މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތައް ފެށުނީ ހުޅަނގު އުތުރުން އޮންނަ ޗިލޯގައި ނަސާރާއިން މިސްކިތްތަކަށާއި މުސްލިމުންގެ ފިހާރަތަކަށް ގާއުކާން ފެށުމާ ގުޅިގެންނެވެ. އެ އަވަށުގައި ހަމަނުޖެހުން ހިންގަން އުޅުނު މީހުން ދުރުކުރަން ފުލުހުން ފަޒާޔަށް ބަޑިޖަހާފައިވާ އިރު، ކުޑަ އިރުކޮޅެއްގެ ތެރޭގައި މި ހަމަނުޖެހުން އަވަށްތެރި އަވަށްތަކަށް ފެތުރި، އެ ތަންތަނުގައި ވެސް މުސްލިމުންގެ ފިހާރަތަކަށް ހަމަލާދީފައިވެއެވެ.

ފޭސްބުކްގައި ކޮމެންޓު ކުރި 38 އަހަރުގެ މުސްލިމެއް ކަމުގައިވާ އަބްދުލް ހަމީދް މުހައްމަދު ހަމްސަރް ހައްޔަރުކޮށް، އަވަށްޓެރި ކުރުނޭގަލާގައި ހުންނަ މުސްލިމުންގެ ފިހާރަތަކަށް ހަމަލާދިނުމުގައި ބައިވެރިވީ ބަޔަކު ހައްޔަރުކޮށްފައިވާ ކަަމަށް ލަންކާ ފުލުހުން ބުނެފައިވެއެވެ. ހަމަނުޖެހުންތަކާއި ގުޅިގެން ސޯޝަލް މީޑިއާ ވެބްސައިޓްތައް ބްލޮކްކޮށްފައިވާ އިރު، އެކަން ކުރީ ގައުމުގެ ހާލަތު އިތުރަށް ގޯސްވިޔަ ނުދީ، އަަމަން ނެގެހެއްޓުމުގެ ގޮތުންކަމަށް އެ ގައުމުގެ ޖެނެރަލް އިންފޮމޭޝަން ޑިޕާޓްމަންޓުގެ ޑިރެކްޓަރ ޖެނެރަލް ނަލަކަ ކަލުވެވަ ވިދާޅުވެފައިވެއެވެ.

ލަންކާގައި އީސްޓަރ ސަންޑޭގައި ދިން ބޮމުގެ ހަމަލާގައި 256 މީހުން މަރުވެފައިވާ އިރު، މި ހަމަލާ އަމާޒުވީ ހަތަރު ހޮޓަލަކަށާއި ނަސާރާއިންގެ ތިން ފައްޅިއަކަށެވެ. މި ހަމަލާގެ ޒިންމާ އައިސިސްއިން ނަގާފައިވާ އިރު، އެ ހަމަލާދިނީ ލަންކާގައި ހަރަކާތްތެރިވާ އެންޓީޖޭ ޖަމާއަތުގެ މެމްބަރުންތަކެކެވެ. ހަށިގޮއްވާލައިގެން ދިން ހަމަލާތަކާއި ގުޅިގެން ލަންކާގައި ދިރިއުޅޭ މުސްލިމުންނާއި އެހެން ދީންތަކުގެ މީހުންނާ މެދު ވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ. އެގޮތުން މިދިޔަ ހަފުތާގެ ތެރޭގައި ނެގަމްބޯގައި ވެސް މުސްލިމުންގެ ވިޔަފާރިތަކަކަށް ހަމަލާދީފައިވެއެވެ.

- ކޮމެންޓް