19 ވަނަ މަޖިލިސް ހުވާ ކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރަކަށް ހަސަން ޒިޔާއު ވިދާޅުވީ އާ މަޖިލިސް ހުވާ ކުރުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި، މިހާރު ކުރިއަށް ދަނީ ޗެމްބަރ ރީތިކުރުމުގެ މަސައްކަތް ކަމަށެވެ. މި އަހަރު ދެ ދާއިރާ އިތުރުވެފައިވާތީ، އެ ދާއިރާގެ ގޮނޑި ބެހެއްޓުމުގެ މަސައްކަތާއި މެމްބަރުންގެ ނަން ޕްލޭޓް ޖެހުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ޒިޔާއު ވިދާޅުވިއެވެ.
އާ މަޖިލިސް ހުވާކުރުމުގެ ޖަލްސާ އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ ރޭގަނޑު 9.30 ގައެވެ. އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދުއެވެ.
65 ގޮނޑި ކާމިޔާބުކޮށް އެމްޑީޕީވަނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނަގާފައެވެ.
18 ވަނަ ދައުރުގެ މި މަހުގެ 28 ވަނަ ދުވަހު ނިމުމަކަށް އަންނައިރު، އެ މަޖިލިސް ވެގެން ގޮސްފައިވަނީ ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި މަޖިލީހަކަށެވެ.