ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓް ފްރީޒް ކުރި މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.
ދައުލަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފު ކޮށްފައި ވަނީ ހޯމަ ދުވަހުއެވެ.
ޔާމީންގެ އެކައުންޓުތައް ފްރީޒްކޮށްފައިވާކަން ފުލުހުން ހާމަކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 14 ވަނަ ދުވަހުއެވެ. އެމަނިކުފާނުގެ އެކައުންޓްގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރަން ކޯޓުން އަމުރު ކުރީ ރައީސްކަމުގައި ހުންނަވައިގެން ގާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައެވެ.
އެ މައްސަލައިގައި އެކައުންޓްތައް ފްރީޒްކުރަން ނެރުނު އަމުރު ހައިކޯޓުން ބާޠިލްކޮށްފައި ވަނީ މިދިޔަ މާޗް މަހުގެ 31 ގައެވެ.
އެކައުންޓްތައް ފްރީޒް ކުރި މައްސަލައިގެ އަޑުއެހުން އަންނަ ބުރާސްފަތި ދުވަހުގެ 10:15 އަށް ބާއްވަން ސުޕްރީމް ކޯޓުން މިހާރު ވަނީ ތާވަލް ކޮށްފައެވެ. އެ މައްސަލަ ބައްލަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ އަރީފް ،ފަނޑިޔާރު އަލްއުސްތާޛް އާދަމް މުޙައްމަދު އަބްދުﷲ، ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ދީދީ، ފަނޑިޔާރު އަލްއުސްތާޛް ޢަބްދުލްޣަނީ މުޙައްމަދުއެވެ.
ރައީސް ޔާމީންގެ މަނީލޯންޑަރިންގެ މައްސަލައެއް ކްރިމިނަލް ކޯޓުން ބަލަން ފަށާފައިވާއިރު އެ މައްސަލައަށް ނުފޫޒު ފޯރުވަފާނެ ކަމަށް ބެލެވި ޝަރީއަތް ނިމެންދެން އެމަނިކުފާނު ޖަލު ބަންދުގައި ބެހެއްޓި އަމުރު ބާތިލް ކޮށްފައި ވަނީ ހައި ކޯޓުގެ ބެންޗު ބަދަލުކޮށްގެންނެވެ. މައުލޫމާތު ލިބޭ ގޮތުގައި އެމައްސަލައިގެ އިސްތިއުނާފުގެ މައްސަލަ ވެސް ޕީޖީއިން ސުޕްރީމް ކޯޓަށް ހުށައެޅުމަށް ވަނީ ހަމަޖެހިފައެވެ.