ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހަތަރު އަތޮޅެއްގެ ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ހަވާލު ކުރި ދީބާޖާ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން ދެމެހެއްޓި ހުކުމް ތަންފީޒު މަރުހަލާ ފެށުމަށް ސިވިލް ކޯޓުގައި ބޭއްވި އަޑުއެހުމަށް ނޫސްވެރިންނަށް ވަނުމުގެ ފުރުސަތެއް ނުދިނެވެ.
ހޯމަ ދުވަހުގެ ހެނދުނު 10:45އަށް ޝެޑިއުލްކޮށްފައިވާ އަޑުއެހުމަށް ވަނުމަށް ރާއްޖެޓީވީގެ ނޫސްވެރިން ދިއުމުން، ކޯޓުން އަންގާފައި ވަނީ އެ ޝަރީއަތަށް ނުވަދެވޭނެ ކަމަށެވެ. ކީއްވެގެންތޯ ސުވާލު ކުރުމުން ބުނީ "ސެކްޝަނުން އެންގި ގޮތް" ކަމަށެވެ.
އެކަމާ ބެހޭ ގޮތުން ސިވިލް ކޯޓުގެ ރެޖިސްޓްރާ އަހުމަދު އަބްދުލް މަތީނަށް ގުޅާލުމުން ވިދާޅުވީ އަޑުއެހުން ހުޅުވާނުލައި ކުރިއަށް ގެންދިޔައީ ހުޅުވާލައިގެން ޝަރީއަތް ހިންގައިފިނަމަ ތަންފީޒުގެ ޝަރީއަތަށް ހުރަސް އެޅިދާނެތީ ކަމަށެވެ. އެ އަޑުއެހުން ސިއްރު ކުރީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ)ގެ ދަށުން ކަަމަށް މަތީން ވިދާޅުވިއެވެ.
ޝަރީއަތެއް ސިއްރު ކުރެވޭނީ މުޖުތަމައުގެ އާންމު އަހްލާގީ އުސޫލުތައް ހިފެހެއްޓުމަށާއި ކުޑަކުދީންގެ ހައްގުތައް ހިމާޔަތް ކުރުމަށާއި އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅިދާނެ ކަމަށް ފަނޑިޔާރަށް ފެނިއްޖެ ހާލަތެއްގައި ކަމަށް އެ މާއްދާގައި ބުނެފައިވެއެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ދީބާޖާ ހުކުމް ތަންފީޒު މަރުހަލާ ފެށުމަށް ބޭއްވި އަޑުއެހުމަށް އެ ކުންފުނީގެ އިސް ބޭފުޅުންތަކެއް ވަޑައިގެންނެވިއެވެ. އަދި އެ މައްސަލާގައި ޖަވާބުދާރީވުމަށް އިތުރު ފުރުސަތަކަށް ދައުލަތުން އެދިފައިވެއެވެ.
ދީބާޖާއަކީ އުތުރު ޕްރޮވިންސްގައި ހިމެނޭ ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅުގެ އިތުރުން ޅ. އަތޮޅު ހިމެނޭ ގޮތަށް ދަތުރުފަތުގެ ހިދުމަތް ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުގައި 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހަވާލު ކުރި ކުންފުންޏެކެވެ. ދީބާޖާއާ އެކު ވެފައިވާ އެއްބަސްވުން ބާތިލް ކޮށްފައި ވަނީ ރައީސް ވަހީދުގެ ސަރުކާރުގައި 2013 ވަނަ އަހަރުގައެވެ. އެއެއްބަސްވުން ބާތިލްކުރުމުން ކުންފުންޏަށް 348 މިލިއަން ރުފިޔާ ދައްކަންޖެހޭ ގޮތަށް ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ 2014 ވަނަ އަހަރުގައެވެ. އެ މައްސަލަ 2015 ވަނަ އަހަރު ބަންޑާރަ ނައިބުގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ސިވިލް ކޯޓުގެ އަމުރު ބާތިލް ކުރިއެވެ.
ނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލާގައި ޝަރީއަތް ހިންގުމަށް ފަހު ހަތް މަސް ދުވަހުގެ ތެރޭ މައްސަލަ ނިންމައި، ހުކުމްކޮށްފައި ވަނީ ދަށު ކޯޓުން ކުރި ހުކުމާ އެއްގޮތަށް ދީބާޖާއަށް 348 މިލިއަން ރުފިޔާ ދޭންޖެހޭނެ ކަމަށެވެ. ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.
ދީބާޖާއަކީ ރެޒޮނަންސް ޕްރައިވެޓް ލިމިޓެޑާއި ސްވެނިއާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުންޏެކެވެ.