ވިކިލީކްސްގެ ކޯ-ފައުންޑަރ ޖޫލިއާން އަސާންޖްގެ މައްޗަށް ތުހުމަތު ކުރެވޭ ރޭޕްގެ މައްސަލައިގެ ތަހުގީގު އަލުން ފެށުމާ މެދު ގޮތެއް ނިންމުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް ސްވިޑެންގެ ޕްރޮސިކިއުޓަރުން ބުނެފިއެވެ.
ރޭޕްގެ ޝިކާރައަކަށް ވީ ކަމަށް ބުނެވޭ މީހާގެ ވަކީލުގެ އެދުމަކަށް މި ތަހުގީގު އަލުން ފަށައިގަނެވިދާނެއެވެ.
މި ތުހުމަތުތައް ދޮގުކުރާ އަސާންޖް ވަަނީ އިނގިރޭސިވިލާތުގައި ހުންނަ އިކުއެޑޯގެ އެމްބަސީން 2012 ވަަނަ އަހަރުން ފެށިގެން ހިމާޔަތް ހޯދުމަށް ފަހު ހަތް އަހަރު އެތަނުގެ ތެރޭ ހުރެ އެކްސްޓްރަޑިޝަން އަށް ފިލާފައެވެ.
ނަމަވެސް އުމުރުން 47 އަހަރުގެ އަސާންޖް މިދިޔަ މަހު ވަނީ އެތަނުން ނެރެލާފައެވެ. އޭގެ ފަހުން އޭނާގެ މައްޗަށް ވަނީ ކަފާލާތުގެ އުސޫލުތަކާ ޚިލާފުވި ކަމަށް ނިންމައި 50 ހަފްތާއަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.
އޭޕްރީލް 11 ވަނަ ދުވަހު އިކުއެޑޯ އެމްބަސީގައި ހުއްޓައި އަސާންޖް ހައްޔަރު ކޮށްފައި ވަނީ، އިކުއެޑޯ އިން އޭނާއަށް ދީފައިވާ ހިމާޔަތް އަނބުރާ ގެންދިއުމާ ގުޅިގެންނެވެ. އިކުއެޑޯ އިން ހިމާޔަތް އަނބުރާ ގެންގޮސްފައި ވަނީ އަސާންޖް އެޤައުމުގެ ޚާރިޖީ ކަންކަމާ ބެހޭ ކަމަށް ތުހުމަތު ކުރުމަށް ފަހުއެވެ. ނަމަވެސް ގިނަ ފަރާތްތަކަކުން ތުހުމަތު ކުރާ ގޮތުގައި އިކުއެޑޯގެ ނިންމުމަކީ ވިކިލީކްސްއިން އިކުއެޑޯއާ ގުޅޭ ލިޔެކިޔުންތަކެއް ލީކުކޮށްލުމާ ގުޅިގެން ނިންމި ނިންމުމެކެވެ.
އެކްސްޓްރެޑިޝަންގެ ދަށުން އިނގިރޭސި ވިލާތުން އެމެރިކާއާ އަސާންޖް ހަވާލުކޮށްދިނުމަށް އެމެރިކާ އިން ވެސް އެދެއެވެ. އެމެރިކާއިން އޭނާ ބޭނުންވެގެން އުޅެނީ 2010 ވަނަ އަހަރު އަސްކަރީ އަދި ޑިޕްލޮމެޓިކް މައުލޫމާތުތަކެއް އާއްމުކުރުމުގައި އޭނާ އަދާކޮށްފައިވާ ކަމަށް ބެލެވޭ ދައުރާއި ގުޅިގެންނެވެ.