ދިވެހިރާއްޖެއާ އެމެރިކާގެ ގުޅުން މިއިން ދުވަހަކުވެސް ބަދަހި ނުވާވަރަށް ބަދަހިވެއްޖެ ކަމަށް، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ޓެޕްލިޒް ވިދާޅުވެއްޖެއެވެ.
އެމެރިކާ އެމްބަސީއިން އާދިއްތަ ދުވަހު އިންތިޒާމްކުރި ރޯދަ ވީއްލުމެއްގައި ވާހަކަފުޅު ދައްކަވަމުން ޓެޕްލިޒް ވިދާޅުވީ، ނަސްލަށާއި، ދީން އަދި ގައުމިއްޔަތަށް ރިއާޔަތްކުރުމެއް ނެތި ކޮންމެ ބަޔަކުވެސް އެއްބަސްވެވޭ ކަންތައްތަކެއް ހުންނަން ޖެހޭ ކަމަށެވެ. އަދި މި ފަހުން ލަންކާއަށް އީސްޓަރ ސަންޑޭގައި ދިން ހަމަލާތަކާއި ގުޅިގެން މިކަން ކުރުމުގެ މުހިންމުކަން އިތުރުވެއްޖެ ކަމަށް ވެސް ޓެޕްލިޒް ވިދާޅުވިއެވެ.
"ޓެރަރިޒަމްގެ އަމަލުތަކާއި އިސްލާމް ދީން ނޫނީ އެހެން ދީނެއްގެވެސް ފިކުރާ ދުރު މަދު ބަޔެއްގެ ހައްދުފަހަނައެޅުމާ ދެކޮޅަށް އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ" ޓެޕްލިޒް ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ސަފީރުކަމާ ހަވާލުވެވަޑައިގެންނެވި ޓެޕްލިޒް، މި ފަހުން ރާއްޖެއަށް ކުރި ދަތުރުތަކުން ހެޔޮ ބަދަލެއް އައިސްފައިވާ މަންޒަރު ފެންނަ ކަމަށެވެ. އެގޮތުން މިފަހުން ބޭއްވި މަޖިލިސް އިންތިހާބާއި އަބުރުގެ ގާނޫނު ފަދަ ގާނޫނުތައް އުވާލުން ޓެޕްލިޒް ފާހަގަކުރެއްވިއެވެ. މިކަންކަމަކީ ހޯދާފައިވާ ކުރިއެރުންތައް ގިންތިކުރަން ބޭނުންކުރެވޭނެ "ހަގީގީ ނިޝާންތައް" ކަމަށް ވެސް އެމްބެސަޑަރު ވިދާޅުވިއެވެ.
މިފަހުން ރާއްޖެއަށް ނެރުނު ޓްރެވަލް އެޑްވައިޒަރީއާ ބެހޭގޮތުން ޓެޕްލިޒް ވިދާޅުވީ، ކުއްލި ހާލަތާ ގުޅިގެން ނެރުނު ޓްރެވަލް އެޑްވައިޒަރީ ނެރުނު ފަހުން ހާލަތަށް ރަނގަޅު ބަދަލެއް
ޓެޕްލިޒްގެ ވާހަކަފުޅު ނިންމަވާލެއްވީ އެމެރިކާއިން އަބަދުވެސް ރާއްޖެއާ އެކުގައި ދެ ގައުމަށް އެއްބަސްވެވޭ ކަންކަމުގައި އެހީތެރިވެދޭން ތައްޔާރަށް އޮތް ކަމަށް ވިދާޅުވަމުންނެވެ. މިހާތަނަށް ރާއްޖޭގެ ސަރުކާރުން ދީފައިވާ އެއްބާރުލުމަށް އެމެރިކާ ސަރުކާރުގެ ފަރާތުން ޓެޕްލިޒް ޝުކުރުއަދާކުރެއްވިއެވެ.
އެމެރިކާ އެމްބަސީއިން އިންތިޒާމްކުރި ރޯދަ ވީއްލުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެފައިވެއެވެ. މީގެ އިތުރުން މަދަނީ ޖަމިއްޔާތަކާއި ދެ ގައުމުގެ މީޑިއާ އަދި ވިޔަފާރިވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.