ރާއްޖޭގެ ބަޒާރުން އާންމުކޮށް ލިބެން ހުންނަނީ އެތެރެ ރަތް ކުލައިގެ ކަރައެވެ. މަދުން ނަމަވެސް ރީނދޫ ކަރާވެސް ލިބެންހުރެއެވެ. އެ ދެބާވަތުގެ ކަރައަކީ ވެސް ރާއްޖޭގެ ބިމަށް ފަސޭހައިން މުޑުވައް ކުރެވޭ ދެ ބާވަތެވެ. ނަމަވެސް ދުވަހަކު ވެސް އެތެރެ ހުދު ކަރައެއްގެ ވާހަކަ އަޑުއެހިން ހެއްޔެވެ؟ އެ ބާވަތުގެ ކަރާ ރާއްޖޭގައި ހެއްދިކަން ދެނެހުރީމު ހެއްޔެވެ؟ އެ ބާވަތުގެ ހުދު ކަރާ ފެނުމުން އެއީ ދޮން ނުވެ ހުންނަ ވަނދު ކަރައެކޭ ވެސް ހީވެދާނެއެވެ.
ކަރާ ހެއްދުމަށް މަޝްހޫރު އއ. ތޮއްޑުގައި ހުދު ކަރާ ފުރަތަމަ ފަހަރަށް ވަނީ އެ ރަށު ބިމަށް މުޑުވައްކޮށްފައެވެ. އެކަން ކުރީ ތޮއްޑޫގެ ދަނޑުވެރިއެއް ކަމަށްވާ ޝިހާމް މޫސާއެވެ. އޭނާ އެ މުޑުވައް ހޯދީ އިޓަލީންނެވެ.
ޝިހާމް މޫސާ ބުނީ އެކަރާގެ މުޑުވައް ލިބުނީ އޭނާގެ ރަހުމަތްތެރިއެއްގެ އަތުން ކަމަށެވެ. އެއީ ރާއްޖޭގެ މުޑުވަކެއް ނޫން ކަމަށާއި އެއީ އިޓަލީގެ މުޑުވަކެއް ކަމަށް އޭނާ ބުންޏެވެ.
ޝިހާމް ބުނީ ޕެކެޓެއްގައި ހުރި އެ މުޑުވައް އިންދީ އާދައިގެ ކަރާގެ މުޑުވައްތަކަކާ އެއްގޮތަށް ކަމަށެވެ. އަދި އެ ކަރާ ހެއްދުމަށް ވަކި ޚާއްސަ މަސައްކަތެއް ކުރަން ނުޖެހޭ އިރު އެ ކަރާގެ ސައިޒު ވެސް އާދައިގެ ކަރަޔާ އެއްވަރު ކަމަށް ޝިހާމް މައުލޫމާތު ދިނެއެވެ. އަދި މުޑުވައް އިންދައިގެން ކަރާ ލިބުމަށް ހޭދަވާ މުއްދަތުގައި ވެސް އާދައިގެ ކަރައެކޭ މާބޮޑު ތަފާތެއް ނެތް ކަމަށް އެނާ ބުނެއެވެ.
ޝިހާމް ބުނީ ގިނަ އަދަދަކަށް ކަރާ ލިބޭނަމަ ބާޒަރަށް ނެރުމުގެ ޚިޔާލު ގެންގުޅޭ ކަމަށެވެ. އާދިއްތަ ދުވަހު ރޯދަ ވީއްލި ގަޑީގައި އެ ކަރާގެ ރަހަ ބަލާފައިވާ ކަމަށާއި މަޝްހޫރު ތޮއްޑޫ ކަރާގައި ހުންނަ ފޮނިކަން އެ ކަރާގައި ނުހުންނަ ކަމަށް އޭނާ ޝިހާމް ބުންޏެވެ. ދޮންވުމުން ވެސް އެތެރެ ހުދު ކުލައިގައި ހުންނަ އެކަރާގެ ކަރުގަނޑު ހުންނަނީ ކަފަ ގޮތަށް މަޑުކޮށެވެ. ޝިހާމް ބުނީ "އަލަނާސި ކަރާ" ކިޔާ ކަރަލުގެ ފަހުން މީ ފެނުނު އެންމެ ތަފަތުކަން ބޮޑު ކަރާ ކަމަށެވެ. މިއަދު ކެނޑި ކަރާގެ ބަރުދަނުގައި ފަސް ކިލޯ ހުރި ކަމަށް އޭނާ ބުނެފައިވެއެވެ.