ފެރީގެ ޚިދުމަތް ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުގައި ހަވާލު ކުރި ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ބާތިލު ކުރުމުން، ދައުލަތުން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން ދެމެހެއްޓި ހުކުމް ތަންފީޒު ނުކޮށްގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން ހޯމަ ދުވަހަށް ތާވަލު ކޮށްފިއެވެ.
ދީބާޖާއަކީ އުތުރު ޕްރޮވިންސްގައި ހިމެނޭ ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅުގެ އިތުރުން ޅ. އަތޮޅު ހިމެނޭ ގޮތަށް ދަތުރުފަތުގެ ހިދުމަތް ދިނުމަށް ރައީސް ނަޝީދުގެ ސަރުކާރުގައި 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހަވާލު ކުރި ކުންފުންޏެކެވެ. ފެރީގެ ހިދުމަތް ދިނުމަށް އެ ކުންފުންޏާ އެކު 2010 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސޮއި ކުރީ އޭރުގެ ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީންނެވެ.
ދީބާޖާއާއެކު ވެފައިވާ އެއްބަސްވުން، ރައީސް ވަހީދުގެ ސަރުކާރުގައި ބާތިލު ކުރުމުން، އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދައްކަންޖެހޭ ގޮތަށް ސިވިލް ކޯޓުން ހުކުމް ކުރީ 2014 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އެ ހުކުމާމެދު ހިތްހަމަނުޖެހިގެން ދައުލަތުގެ ފަރާތުން، ބަންޑާރަ ނައިބުގެ އޮފީހުން ހައި ކޯޓުގައި އެ ހުކުމް އިސްތިއުނާފު ކުރީ 2015 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހުއެވެ. ހައި ކޯޓުން ޝަރީއަތް ހިންގުމަށް ފަހު، ދީބާޖާއަށް ދައުލަތުން ފައިސާ ދޭން ނުޖެހޭނެ ކަމަށް ކަނޑައަޅައި، ދަށު ކޯޓުގެ ހުކުމް ބާތިލު ކުރީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެ މައްސަލާގައި ޝަރީއަތް ހިންގުމަށް ފަހު، ހަތް މަސް ދުވަހުގެ ތެރޭ މައްސަލަ ނިންމައި، ހުކުމްކޮށްފައި ވަނީ ދަށު ކޯޓުން ކުރި ހުކުމާ އެއްގޮތަށް ދީބާޖާއަށް 348 މިލިއަން ރުފިޔާ ދޭންޖެހޭނެ ކަމަށެވެ. ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައެޅީ މިދިޔަ މަހުގެ 17 ވަނަ ދުވަހުއެވެ.
އެންމެ މަތީ ކޯޓުން އެގޮތަށް ކަނޑައެޅިތާ މަހެއް ނުވަނީސް، އެ ހުކުމް ތަންފީޒު ކޮށްދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން ތާވަލުކޮށްފައި ވަނީ ހޯމަ ދުވަހުގެ ހެނދުނު 10:45އަށެވެ. އެ މައްސަލާގައި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ހުކުމް ތަންފީޒު ކޮށްދިނުމަށް އެދި ދައުވާ ކުރަނީ އިކޮނަމިކް މިނިސްޓްރީގެ މައްޗަށެވެ.
މައްސަލަ ނިންމައި ސުޕްރީމް ކޯޓުން މިދިޔަ މަހު ކުރި ހުކުމްގައި ބުނެފައި ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލުކޮށް ހައި ކޯޓުން ހުކުމްކޮށްފައި ވަނީ މައުޟޫއީ ގޮތުން ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ސިވިލް ކޯޓުގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި ވަނީ، އިސްތިއުނާފު ކުރަންޖެހޭ މުއްދަތު ހަމަވިތާ ދެ މަސް ފަހުން ކަމަށެވެ.