ކ. މާލެ
|
12 މެއި 2019 | އާދީއްތަ 21:25
ރޮމެލޫ ލުކާކޫ
ރޮމެލޫ ލުކާކޫ
ގެޓީ އިމޭޖަސް
ރޮމެލޫ ލުކާކޫ
އިންޓަ އާއި ޕީއެސްޖީން ލުކާކޫ ހޯދުމަށް މަސައްކަތް ކުރަނީ
ލުކާކޫގެ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރު

އިންޓަ މިލާން އަދި ޕީއެސްޖީން މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ދަ އެކްސްޕްރެސްއިން ބުނީ، ލުކާކޫ ހޯދުމަށް އިންޓަ އާއި ޕީއެސްޖީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޔުނައިޓެޑުން ވެސް ބޭނުންވަނީ އޭނާ ވިއްކާލަން ކަމަށެވެ.

ޔުނައިޓެޑާއެކު ލުކާކޫގެ އެއްބަސްވުން 2022 ވަނަ އަހަރަށް ފަހު ހަމަވާއިރު، ބައެއް ރިޕޯޓްތައް ބުނާގޮތުން ލުކާކޫ ބޭނުންވަނީ އިންޓައަށް ބަދަލުވާށެވެ. ނަމަވެސް މިކަމާ ގުޅިގެން ރަސްމީ އެއްވެސް ބަހެއް އަދި ނުލިބެއެވެ. 

މީގެ ދެ އަހަރު ކުރިން އެވަޓަން ދޫކޮށް، ލުކާކޫ ޔުނައިޓެޑަށް ސޮއިކޮށްފައި ވަނީ 75 މިލިއަން ޕައުންޑަށެވެ. އޭނާ އަކީ އޭރު ދެވަނަ އަށް ޕްރިމިއާ ލީގުގެ ކްލަބަކަށް ވިއްކާލި އެންމެ އަގުބޮޑު ކުޅުންތެރިޔާއެވެ. ޕްރިމިއާ ލީގުގައި ހިނގި އެންމެ އަގުބޮޑު ޓްރާންސްފާ އަކި ޕައުލް ޕޮގްބާގެ ޓްރާންސްފާއެވެ. އޭނާ ހޯދުމަށް ޔުނައިޓެޑުން ވަނީ 89.5 މިލިއަން ޕައުންޑު ހޭދަ ކޮށްފައެވެ.

ލުކާކޫ ވަނީ ޔުނައިޓެޑަށް މިހާތަނަށް ކުޅުނު 96 މެޗުގައި 42 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ އެވަޓަންއަށް ކުޅުނު 166 މެޗުގައި 87 ލަނޑު ކާމިޔާބު ކޮށްފައެވެ.

ޗެލްސީން 2014 ވަނަ އަހަރު އެވަޓަންއަށް ބަދަލުވި ލުކާކޫ ވަނީ ވެސްޓްބްރޮމް އަށް ވެސް ކުޅެފައެވެ. ޗެލްސީއާއެކު ދެ ސީޒަން ހޭދަކޮށްފައިވާ ލުކާކޫ ވަނީ އެ ޓީމަށް 15 މެޗު ކުޅެދީފައެވެ.

ލުކާކޫ ވަނީ ބެލްޖިއަމް ޓީމަށް މިހާތަނަށް ކުޅުނު 79 މެޗުގައި 45 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި އޭނާ ވަނީ އެޓީމާއެކު މިދިޔަ އަހަރު ފީފާ ވޯލްޑް ކަޕްގެ ތިންވަނަ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް