ދައުލަތުގެ ބަޖެޓުން ލިބެންޖެހޭ ފައިސާ ޕީޕީއެމަށް ލިބިއްޖެ ކަމަށާއި އެ ޕާޓީގެ ފުރަތަމަ އަމާޒަކީ ދައްކަންޖެހޭ ދަރަނިތައް ދައްކައި ހަލާސްކުރުން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ ފިނޭންސް މިނިސްޓްރީން އެ ޕާޓީއަށް 8.4 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށާއި މިހާތަނަށް އެ ފައިސާ ނުލިބި ތާށިކުރީ ސަރުކާރުން ކަމަށެވެ. ވޭތުވެދިޔަ މުއްދަތުގައި ޕީޕީއެމުން ދައްކަންޖެހޭ ދަރަނިތައް ނުދެއްކި ލަސްވެގެން ދިއުމުން، އިތުރު ޖޫރިމަނާތައް އަރާފައިވާ ކަމަށާއި އެ ފައިސާއާ އެކު ދަރަނީގެ އަދަދު ބޮޑުވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޕީޕީއެމުން ކުރިން ބުނެފައި ވަނީ އެ ޕާޓީގެ ދަރަނި އަށް މިލިއަނަށް އަރާ ކަމަށެވެ. ނަމަވެސް ޖޫރިމަނާއާއެކު އަރާފައިވާ ޖުމްލަ އަދަދެއް އެ ޕާޓީއަކުން އަދި ހާމައެއް ނުކުރެއެވެ.
ޝިޔާމް ވެސް ވިދާޅުވީ ދަރަނީގެ އަދަދުތައް އަލުން ބެލުމަށް ފަހު ތަފްސީލު މީޑިއާއަށް ހިއްސާ ކުރައްވާނެ ކަމަށެވެ.
އޭނާ ވިދާޅުވީ ޕީޕީއެމުން ދައްކަންޖެހޭ ދަރަނީގެ ތެރެއިން، އެންމެ ފުރަތަމަ ދައްކާނީ ބޮޑެތި އަދަދުތަކުން ދައްކަންޖެހޭ ފައިސާ ކަމަށެވެ. ދަރަނި ހަލާސް ކުރުމަށްފަހު، ޕާޓީ ހަރަދަނާ ކުރުމަށްޓަކާ ކުރަންޖެހޭ ހޭދަތައް ކުރާނެ ކަމަށާއި ވޭތުވެދިޔަ މުއްދަތުގައި ޕާޓީއަށް ފައިސާ ދޫނުކުރުމުން، ކަރަންޓު ބިލާއި ފޯން ބިލް ވެސް ނުދެއްކިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ޕީޕީއެމުން ދަރަނީގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ތެރެއިން، 3.8 މިލިއަން ރުފިޔާ ދައްކަންޖެހޭނީ ގައުމީ އެއާލައިން މޯލްޑިވިއަނަށެވެ. މޯލްޑިވިއަނަށް އެ ފައިސާ ދައްކަން ޖެހެނީ ރިޔާސީ އިންތިހާބާ ދިމާކޮށް، މާލޭގައި ބޭއްވި ސިޔާސީ ރެލީތަކަށް މީހުން މާލެ ގެނައުމަށް އެ ޕާޓީން ކުރި ހަރަދުތަކަށެވެ.
މޯލްޑިވިއަނަށް ލިބެންޖެހޭ ފައިސާ ނުލިބިގެން، ޕީޕީއެމާ ދެކޮޅަށް ސިވިލް ކޯޓަށް އެ މައްސަލަ ހުށަހެޅުމުން، މިދިޔަ ފެބްރުއަރީ މަހު ކޯޓުން ވަނީ އެ ފައިސާ ދިނުމަށް ހުކުމް ކޮށްފައެވެ. ނަމަވެސް މިހާތަނަށް އެ ފައިސާ ލިބިފައި ނުވާ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.