މޯލްޑިވްސް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ފުލުހުން ގުޅިގެން، އެމްޓީސީސީގެ ބަސް ޑްރައިވަރުންނަށް އަމާޒުކޮށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމަކީ އެމްޓީސީސީގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކައް އަހުލުވެރި ކުރުވުމާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން ބަސް ޑްރައިވަރުންނަށް މައުލޫމާތު ދިނުން ހިމެނެއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން ދުވަހުގެ މުއްދަތަށެވެ. މި ޕްރޮގްރާމްގައި 60 ޑްރައިވަރުން ވަނީ ބައިވެރިވެފައެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ޕްރޮގްރާމެއް އެމްޓީސީސީން ފަށާފައި ވަނީ، އެމްޓީސީސީގެ ބަހަކުން ޖެހި މަގުމަތިން ހިނގާފައި ދިޔަ ޔުކްރެއިން މީހެއްގެ ގައިގައި ޖެހި އޭނާ މަރުވެފައި ވަނިކޮށެވެ. މީގެ އިތުރުން އެމްޓީސީސީގެ ބަހަކުން ކާރެއްގައި ޖެހި ވެސް ވަނީ އެކްސިޑެންޓެއް ހިނގާފައެވެ. މި އެކްސިޑެންޓް ވެސް ހިނގާފައި ވަނީ ބަސް ދުއްވަން އިން ޑްރައިވަރު ނިދި ޖެހިގެން ކަމަށް މައުލޫމާތު ލިބެއެވެ.