ދިވެހިރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އަށް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ދައްކަން ޖެހޭ ފައިސާ އަދި ވެސް ނުދައްކާ ކަން ހާމަ ވެއްޖެއެވެ.
މިދިޔަ ރިޔާސީ އިންތިޚާބާއި ދިމާކޮށް މޯލްޑިވިއަން ބޭނުންކޮށްގެން ޕީޕީއެމުން ކުރި ދަތުރުތަކަށް 3.8 މިލިއަން ރުފިޔާ އަރައެވެ. އެ ފައިސާއަކީ ކެމްޕޭން ތެރޭގައި "ޕީޕީއެމްގެ ސައިޒު ދައްކާލާ ބޮޑު ޖަލްސާ" ބޭއްވުމަށް، މޯލްޑިވިއަންގެ ފްލައިޓްތައް ޗާޓަރކޮށް، ކޮށްފައިވާ ދަތުރުތަކަށް ދައްކަންޖެހޭ ފައިސާއެވެ. އެފައިސާ ދެއްކުމަށް މޯލްޑިވިއަން އިން ޕީޕީއެމަށް އެންގިއެވެ. އަދި އެ ކުންފުންޏަށް ޕީޕީއެމުން ދައްކަންޖެހޭ ފައިސާ، އެ ޕާޓީއަށް ދައުލަތުންދޭ ފައިސާގެ ތެރެއިން އުނިކޮށްދިނުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ. ނަމަވެސް އެ ކޮމިޝަނުން ވަނީ ޕީޕީއެމް ލީޑަޝިޕާ މެދު ގާނޫނީ ސުވާލުތަކެއް އުފެދިފައި އޮތުމުން އެއީ ކޮމިޝަނަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.
ފައިސާ ނުދެއްކުމުން ސިވިލްކޯޓަށް އެމައްސަލަ މޯލްޑިވިއަންއިން ހުށައެޅުމުން އެކޯޓުން ވަނީ މޯލްޑިވިއަންއަށް ދޭންޖެހޭ 3.8 މިލިއަން ރުފިޔާ ދެއްކުމަށް މިދިޔަ ފެބްރުއަރީ މަހު ހުކުމް ކޮށްފައެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް އެފައިސާ ޕީޕީއެމުން ދައްކާފައެއް ނުވެއެވެ.
މޯލްޑިވިއަންގެ ޕީއާރު އެންޑް ކޮމިއުނިކޭޝަން މޫސާ ވަސީމް ރާއްޖެއެމްވީއަށް ވިދާޅުވީ އެ ފައިސާ އެ ކުންފުންޏަށް ލިބިފައި ނުވާ ކަމަށެވެ. އަދި ފައިސާ ދޭން ޖެހޭނީ ސިވިލްކޯޓު މެދުވެރިވެގެން ކަމަށާއި ސިވިލްކޯޓަށް ވެސް އެފައިސާ ދައްކާފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް ބުނެފައިވާ ކަމަށް ވިދާޅުވިއެވެ.
ޕީޕީއެމުން މީގެ ކުރިން ބުނެފައި ވަނީ އީސީއިން ނުދީ ހިފެހެއްޓި ފައިސާ ދޫކުރުމުން ނޫނީ މޯލްޑިވިއަންގެ ދަރަނި އަދާ ނުކުރެވޭނެ ކަމަށެވެ. ޕީޕީއެމަށް ދައްކަންޖެހޭ ފައިސާ ދިނުމަށް ސުޕްރީމްކޯޓުން ހުކުމް ކުރުމާ ގުޅިގެން ފިނޭންސް މިނިސްޓްރީން ވަނީ މި މަހުގެ 2 ވަނަ ދުވަހު ޕީޕީއެމަށް ދޭންޖެހޭ 8.4 މިލިއަން ރުފިޔާ ދޫކޮށްފައެވެ.
މިކަމާ ބެހޭ ގޮތުން ޕީޕީއެމްގެ ބަހެއް ހޯދާލުމަށް މަސައްކަތް ކުރި ނަމަވެސް އެޕާޓީގެ އިސްވެރިން ފޯނު ނުނަންގަވާތީ ވަނީ ލިބޭނޭ ގޮތް ނުވެފައެވެ.