މިއަހަރު ހައްޖަށް މީހުން ގެންދާނީ ހަ ކުންފުނިން ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖެއިން މީހުން ހައްޖަށް ގެންދަން 18 ކުންފުންޏަކުން ކުރިމަތިލި ކަމަށާއި އޭގެ ތެރެއިން ހަ ކުންފުންޏެއް "ޑިސްކޮލިފައި" ވެފައިވާ ކަމަށެވެ. އެހެންކަމުން ބާކީ އޮތް 12 ކުންފުނީގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބުނު ފަސް ކުންފުނި އެ މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށެވެ. ސަރުކާރުގެ ސަތޭކަ ޕަސެންޓް ހިއްސާ އޮންނަ ހައްޖު ކޯޕަރޭޝަނާއެކު އަމިއްލަ ފަސް ކުންފުންޏަކަށް ވަނީ ހައްޖަށް މީހުން ގެންދިއުމަށް މިފަހަރު ހުއްދަ ދީފައެވެ.
އެ ހަ ކުންފުންޏާއި ހުށައެެޅި އަގުތައް:
- ހައްޖު ކޯޕަރޭޝަން: 69،965ރ.
- ތަޒްކިއާ ޕްރައިވެޓް ލިމިޓެޑް: 72،550ރ.
- ޒައީމާ ގްރޫޕް ޕަރައިވެޓް ލިމިޓެޑް: 70،000ރ.
- މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް: 69،965ރ.
- އެކްރޯ ޕްރައިވެޓް ލިމިޓެޑް: 59،965ރ.
- އަލް ހަރަމައިން ހައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް: 69،965ރ.
އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝާފިއު އަލީ ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމުގައި ކުންފުނިތައް ކަނޑައެޅީ ފަސް މީހުންގެ މައްޗަށް އެކުލެވޭ އިވެލުއޭޝަން ކޮމެޓީއަކުން ކަމަށެވެ.
މިފަހަރު ރާއްޖެއަށް 2،000 ކޯޓާ ސައުދީއިން ދެއެވެ. އޭގެ ތެރެއިން 1،000 ކޯޓާ މިހާރު ވަނީ ސައުދީން ދީފައެވެ.
އެކޯޓާތައް ބަހާފައިވަނީ ހައްޖު ކޯޕަރޭޝަންއަށް 550 ކޯޓާ، އަމިއްލަ ކުންފުނިތަކަށް 450 ކޯޓާއެވެ. 450 ކޯޓާ އަމިއްލަ ކުންފުނިތަކަށް ބަހާލުމުން ކޮންމެ ކުންފުންޏަކަށް ޖެހެނީ 90 ކޯޓާއެވެ.
ޝާފިއު ވިދާޅުވީ ސައުދީން ފަހުންދޭ 1،000 ކޯޓާ ވެސް ބަހާނީ އުސޫލުގެ ތެރެއިން ކަމަށެވެ.
"އުސޫލު ބުނާ ގޮތުން ހައްޖު ކޯޓާ ބަހަން ޖެހޭނީ މަދުވެގެން 50 ޕަސެންޓް ހައްޖު ކޯޕަރޭޝަނަށް ދެން ބާކީ ހުރި ކޯޓާތައް އަމިއްލަ ކުންފުނިތަކަށް ބަހާ ގޮތަށްއިތުރަށް ކޯޓާ ލިބުނީމަވެސް އެގޮތަށް ކޯޓާ ބަހާ ގޮތަށް އޮންނާނީ." ޝާފިއު ވިދާޅުވިއެވެ.
މިފަހަރު ހައްޖަށް މީހުން ގެންދިއުމުގައި އަގުތައް ކަނޑައެޅުމުގައި ބެލީ ކޮން ކަންތައްތަކަށްތޯ ސުވާލު ކުރުމުން އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިލްޔާސް ޖަމީލް ވިދާޅުވީ އަގުތަކަށް ޚާއްސަކޮށްގެން އެ މިނިސްޓްރީގައި މިއަހަރަށް ދިރާސާއެއް ކުރެވިފައި ނެތް ކަމަށެވެ. އެހެންކަމުން މިފަހަރު އެމިނިސްޓްރީން ބެލީ ގްރޫޕްތަކުން ހުށައަޅާ އަގަކަށް އެކަން ކުރެވޭނެ ގޮތެއް ހޯދުމަށް ކަމަށް ވިދާޅުވިއެވެ.
"އަގު އަޅުގަނޑުމެން މިނިސްޓްރީން ކަނޑަނޭޅި މައިގަނޑު ސަބަބަކީ މިނިސްޓްރީން ނެތް މިއަހަރަށް ދިރާސާއެއް ކުރެވިފައި. އަޅުގަނޑުމެންގެ އުއްމީދަކީ އިރާދަކުރެއްވިއްޔާ އަންނަ އަހަރަށް އިއުލާން ކުރުމުގެ ކުރީގައި އަޅުގަނޑުމެންނަށް ދިރާސާއެއް ކުރެވިފައި އޮންނާނެ އަގާއި ބެހޭ ގޮތުން." އިލްޔާސް ވިދާޅުވިއެވެ.
ކުންފުނިތަކުން ކަނޑައާޅާފައިވާ އަގަށްވުރެ އިތުރަށް އެ ކުންފުނިތަކުން ފައިސާ ނަގާފައިވާނަމަ އެއީ ޤާނޫނީ ކުށެކެވެ. އަދި އެ އަދަދަށްވުރެ އިތުރަށް ފައިސާ ދައްކާ މީހާވެސް ކުށްވެރިވާނެކަމަށް މިނިސްޓްރީން ބުންޏެވެ. އަދި އެގޮތަށް ނުކުރުމަށް އެ މިނިސްޓްރީން އެދެއެވެ.
މިދިޔަ އަހަރު މީހުން ހައްޖަށް ގެންދިޔުމަށް ހުއްދަ ދިނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނާއި އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ މޯލްޑިވްސް އާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް އަދި ޒައީ ގްރޫޕަށެވެ.