ގާނޫނު އަސާސީއާ ޚިލާފަށް ބްރެޒިލްގައި ބަޑި ގެންގުޅުމަށް ހުއްދަ ދެއްވައި ރައީސް ބޮލްސާނަރޯ ސޮއިކުރެއްވި ގަރާރަށް އަމާޒުވި ފާޑުކިޔުންތަކަށް ޖަވާބު ދާރީވުމަށް ބޮލްސާނަރޯ އާއި ޖަސްޓިސް މިނިސްޓްރީއަށް ފަސް ދުވަހުގެ މުއްދަތެއް އެ ގައުމުގެ ސުޕްރީމް ކޯޓުން ދީފިއެވެ.
މެއި މަހުގެ 7 ވަނަ ދުވަހު ރައީސް ބޮލްސާނަރޯ ސޮއިކުރެއްވި ގަރާރާ އެކު އެ ގައުމުގެ އެތައް މިލިއަން ބަޔަކަށް އާއްމު ތަންތާގައި ބަޑި ގެންގުޅުމުގެ ހުއްދަ ލިބިގެންދިޔައެވެ.
ފަނޑިޔާރު ރޯޒާ ވެބަރ ހުކުުރު ދުވަހު ނެރުއްވި އަމުރު ނެރުއްވާފައި ވަނީ އިދިކޮޅު ސިޔާސީ ޕާޓީއަކުން ރައީސްގެ އެ ގަރާރަކީ ގާނޫނާ ޚިލާފު އަމަލެއް ކަމަށް ބުނެ ސުޕްރީމް ފެޑެރަލް ޓްރައިބިއުނަލަށް ހުށަހެޅި ގަރާރަކާ ގުޅިގެންނެވެ.
ސަސްޓެއިނަބިލިޓީ ނެޓްވަރކް ޕާޓީން ބުނީ ހަތިޔާރު ގެންގުޅުން ހުއްދަކުރުމުގެ އިޚްތިޔާރު އޮތީ ކޮންގްރެސްއަށް ކަމަށެވެ.
ބަޑި ގެންގުޅުން އާއްމުވާ ގޮތަށް ނެރެފައިވާ މި ގަރާރަށް އަމަލުކުރަން ފަށަން ހަމަޖެހިފައިވަނީ ޖޫން މަހުން ފެށިގެންނެވެ.