ޔޫރަޕިއަން ޔޫނިއަަން (އީޔޫ) އިން އިނގިރޭސި ވިލާތް ވަކިވުމުގެ މަޝްވަރާތައް އިިދިކޮޅު ލޭބަރ ޕާޓީއާ އެކު ކުރުމަކީ "ބޮޑު ގޯހެއް" ކަަމަށް އެ ގައުމުގެ ކުރީގެ ޑިފެންސް ސެކްރެޓަރީ ގެވިން ވިލިއަމްސަން ވިދާޅުވެއްޖެއެވެ.
ގާނޫނު ހަދާ މަޖިލީހަށް ތިން ފަހަރަށް ހުށަހެޅުއްވި ހުށަހެޅުން ވެސް ފެއިލްވުމުން ބޮޑުވަޒީރު ތެރީސާ މޭ ގެންދަވަނީ ދެ ޕާޓީއަށް އެއްބަސްވެވޭ އެެއްބަސްވުމެއް އެކުލަވާލުމަށް މަސައްކަތްކުރައްވަމުންނެވެ.
ވާވޭ ކުންފުންޏާ އެކު ވެވުނު އެއްބަސްވުމެއް ލީކުވި މައްސަލައިގައި މަގާމުން ވަކިކުރައްވާފައި ހުންނެވި ވިލިއަމްސަން ދި މެއިލްގައި އާދީއްތަ ދުވަހު ވިދާޅުވީ އެ ވާހަކަތަކަކީ ފެއިލްވާނެ ވާހަކަތަކެއް ކަމަށެވެ.
އޭނާ ވިދާޅުވީ އިދިކޮޅު ލީޑަރު ޖެރެމީ ކޯބީންގެ ހަމައެކަނި އޮތް ޝައުގަކީ އާއްމު އިންތިޚާބު ކަމަށެވެ.
ބީބީގެ ޕޮލިޓިކަލް ކަރެސްޕޮންޑެންޓް ޖޮނަތަން ބްލޭކް ބުނެފައި ވަނީ ވިލިއަމްސަން ކެބިނެޓްގައި ހުންނެވި އިރު އޭނާ ބްރެކްސިޓް މަރުހަލާ އަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދެވިކަން ޑައުންނިންގ ސްޓްރީޓްގެ މަސްދަރުތަކުން އޭނާއަށް ޔަގީންކޮށްދީފައިވާ ކަމަށެވެ. އަދި އޭނާ ސީދާ ގޮތުން އެ މަރުހަލާގައި ބައިވެރިވެވަޑައި ނުގަންނަވާކަން އެނގިފައިވާ ކަމަށް ކަރެސްޕޮންޑެންޓް ބުނެފައި ވެއެވެ.
ބްރެކްސިޓް މައްސަލައިގައި ލޭބަރ ޕާޓީއާ އެކު ވާހަކަދައްކަމުންދާ ކަމަށް "ބުނަން ވަރަށް ފަސޭހަ އަދި އެންމެ އެދެވޭ ކަމެއް" ނަމަވެސް އެކަމަކީ ކާމިޔާބު ވާނެ ކަމެއް ނޫން ކަމަށް ކޮންޒަރެވޭޓިވް ޕާޓީއަށް ނިސްބަތްވެެވަޑައިގަންނަވާ ސައުތު ސްޓެފޯޑްޝަޔަރގެ މެމްބަރު ވިދާޅުވިއެވެ.
ބްރެކްސިޓަކީ އީޔޫއިން އިނގިރޭސިވިލާތް ވަކިވުމަށް އެގައުމުގެ ރައްޔިތުން 2016 ވަނަ އަހަރު ނެގި "ބްރިޓިޝް އެގްޒިޓް" ވޯޓަށް ދެވުނު ނަމެކެވެ.
އީޔޫ އިން އިނގިރޭސިވިލާތް ވަކިވުމާ މެދު 2016 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހު ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި އީޔޫ އިން ވަކިވުމަށް ފެންނަ ކަމަށް 52 އިންސައްތަ މީހުން ވޯޓް ދީފައިވެއެވެ.