ވެލިދޫ ކަރަންޓްގެ މައްސަލަ ވަނީ އެއްކޮށް ހައްލު ކުރެވިފައި ކަމަށް އެރަށު ކައުންސިލުގެ ރައީސް އަސްމާ ހުސައިން ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން އަސްމާ ވިދާޅުވީ ރަމަޟާންމަހާއި ދިމާކޮށް މާލެއާއި އަތޮޅުގެ ގިނަ ރަށްތަކަކުން ދޭތެރެ ދޭތެރެއިން ކަރަންޓް ކެނޑި ރައްޔިތުންނަށް އެކަމުގެ ދަތިކަން ފޯރަމުން ދިޔަ ނަމަވެސް ވެލިދޫގެ ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލު ލިބި ކަރަންޓްގެ މައްސަލަ އެއްކޮށް ހައްލު ކުރެވިފައިވާ ކަމަށެވެ.
އަސްމާ ވިދާޅުވީ ރަމަޟާން މަހުގެ ކުރިން ދޭތެރެ ދޭތެރެއިން ރަށުން ކަރަންޓް ކެނޑި ރައްޔިތުންނަށް އުނދަގޫ ތަކަކާއި ކުރމަތިލާން ޖެހުނު ނަމަވެސް ރަމަޟާން މަހަށް މިމައްސަލަ ހައްލު ވެފައިވާ ކަމަށެވެ.
ކުރިން ރަށުގައި 300 ކިލޯވޯޓްގެ ދެ ޖަނަރަރޭޓަރާއި 400 ކިލޯވޯޓްގެ އެއްޖަނަރޭޓަރުން ކަރަންޓް ފޯރު ކޮށްދެމުން ދިޔަ ނަމަވެސް މިހާރު 600 ކިލޯވޯޓްގެ ޖަނަރޭޓަރެއް ގެނެސް އެ ޖަނަރޭޓަރު އިންސްޓޯލް ކުރެވި ޖުމުލަ 4 ޖަނަރޭޓަރުން ރަށަށް ކަރަންޓް ފޯރު ކޮށްދެމުން ދާކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ވެލިދޫގައި ބޯފެނުގެ ނިޒާމް ވެސް ގާއިމް ކުރެވި ބައެއް ގޭގެއަށް އެ ޚިދުމަތް ލިބެން ފަށާފައި ވާއިރު ކުރިއަށް އޮތް ކުރު މުއްދަތުގެ ތެރޭގައި ހުރިހާ ގެއަކަށް ފެނުގެ ޚިދުމަތް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު ފެން ލިބެމުން ދަނީ އެއްވެސް ފައިސާ އެއް ދެއްކުމަކާއި ނުލާ ކަމަށެވެ.
އަސްމާ ވިދާޅުވީ ސިއްހީ މަރުކަޒު އަޕްގުރޭޑް ކުރެވި އެތަން ހެލްތު ޕޯސްޓަކަށް ބަދަލުކުރެވި އެތަނުން ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތްތަކެއް ލިބެމުންދާ ކަމަށާއި ކުރިއަށް އޮތްތަނުގައި ރަށުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދާކަމަށެވެ. އަސްމާ ވިދާޅުވީ ރަށުގެ ތައުލީމީ ހާލަތާއި ރައްޔިތުންގެ އާންމު ހާލަތު ވެސް ރަނގަޅު ކަމަށެވެ.
ރަށުގައި ގާތގަނޑަކަށް 3000 މީހުންގެ އާބާދީއެއް އޮންނައިރު މީހުން ދިރިއުޅޭ 400 ގެ ހުރެއެވެ. ރަށުގެ އާބާދީގެ 30 ހަކަށް ޕަސެންޓް މީހުން ދިރިއުޅެނީ މާލޭގައި ކަން ފާހަގަ ކޮށްލެވެއެވެ.
ވެލިދޫ މީހުން މައިގަނޑު ގޮތެއްގައި ކޮށް އުޅޭ މަސައްކަތަކީ ޓްއަރިޒަމާއި ގުޅުންހުރި ކަންކަމާ ކޮންސްޓްރަކްޝަން މަސައްކަތް ކަމަށް ވާއިރު ރަށުގެ ގިނަ އަދަދެއްގެ ޒުވާނުން ކައިރި ރިސޯޓްތަކުގައި މަސައްކަތް ކުރަމުން ދެއެވެ. ގެސްޓްހައުސްތައް ހަދައިގެން ރަށުގައި ލޯކަލް ޓްއަރިޒަމްގެ ވިޔަފާރި ވެސް ގިނަ ފާރަތްތަކަކުން ކުރަމުން ދާކަން ފާހަގަ ކުރެވެއެވެ.