Advertisement
ކ. މާލެ
|
11 މެއި 2019 | ހޮނިހިރު 18:56
މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ
މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ
އަވަސް
ބޭރުގެ ހަނގުރާމަތަކުގައި އުޅޭ ދިވެހިން
ބޭރުގެ ހަނގުރާމަތަކުގައި 69 ދިވެހި ފިރިހެނުން ހަރަކާތްތެރިވޭ: މާރިޔާ
ރަސްމީ އަދަދެއް ބުނަން ދަތިކަމަށް ވިދާޅުވި
ޓެރަރިޒަމާ ދެކޮޅަށް މަސަައްކަތްކުރަން ސަރަހައްދީ އޮނިގަނޑެއް އެކުލަވާލަން ގޮވާލެއްވި
ޓެރަރިޒަމްގެ ހަމަލާއެއްގެ ނުރައްކަލެއް ރާއްޖެ ސަމާލުވެ އޮތް ކަމަށް ވިދާޅުވި

ބޭރު ގައުމުތަކުގެ ހަނގުރާމަތަކުގައި ހަރަކާތްތެރިވަމުން އަންނަ ދިވެހި ފިރިހެނުންގެ އަދަދަކީ 69 އެއް ކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހަށް ދެއްވި އިންޓަވިއުއެއްގައި މާރިޔާ ވިދާޅުވީ، މި އަދަދަކީ އާއިލާއާއި ގާތްތިމާގެ މީހުން ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރަށް ދީފައިވާ މައުލޫމާތުން ކަނޑައަޅާފައިވާ އަދަދެއް ކަމަށެވެ. މާރިޔާ ވިދާޅުވީ ގިނަ މީހުން ހަނގުރާމަތަކަށް ދަތުރު ކޮށްފައިވަނީ (ހަނގުރާމަ ނުކުރާ) އެހެން ގައުމުތަކަށް ގޮސްފައި ކަމަށް ވުމުން، ހަނގުރާމަތަކުގައި ހަރަކާތްތެރިވަނީ ކިތައް ދިވެހިންކަމަށް ދެއްވާނެ ރަސްމީ އަދަދެއް ނިންމަން ދަތިފުޅު ކަމަށެވެ.

ލަންކާގައި ދިން ބޮމުގެ ހަމަލާއާ ގުޅޭ ގޮތުން އެއްސެވި ސުވާލަކަށް މިނިސްޓަރ ވިދާޅުވީ، އެ ހަމަލާއަކީ ރާއްޖެއާއި މުޅި ސަރަހައްދަށް ވެސް އޮތް ނުރައްކަލެއް ކަމަށެވެ. ދިން ހަމަލާގެ ބޮޑުމިނާ، ޓެރަރިސްޓުން ބޭނުން ކުރި އުކުޅުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން މާރިޔާ ވިދާޅުވީ މިކަމުން ދައްކުވައިދެނީ ޓެރަރިސްޓުންގެ ލާއިންސާނިއްޔަތުކަން ހައްދުފަހަނަ އަޅާފައިވާ މިންވަރު ކަމަށެވެ.

ދިވެހިރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވާ ގައުމެއް ކަން ފާހަގަކުރައްވާ މާރިޔާ ވިދާޅުވީ އަވަށްޓެރި ގައުމަކަށް ދިން ހަމަލާ ދިވެހިރާއްޖެއިން އާދައިގެކަމެއްގެ ގޮތުގައި ނުބަލާނެ ކަމަށެވެ. އަދި ލަންކާގައި ދިން ހަމަލާއާ ގުޅިގެން އުފެދުނު ކަންބޮޑުވުންތަކަށް ހައްލެއް ހޯދަން ގައުމީ ފެންވަރުގައި އެކި މުއައްސަސާތައް ގުޅިގެން ދިފާއީ އޮނިގަނޑެއް ގާއިމްކޮށްފައިވާ ކަމަށެވެ.

އެގޮތުން މި ފަހުން މާލޭގައި ބޭއްވި ސިފައިންނާއި ފުލުހުންގެ އެކްސަސައިޒްތަކަށް ނިސްބަތްކޮށް މާރިޔާ ވިދާޅުވީ، އެ ހަރަކާތަކީ ވެސް ހަމަލާއެއް ކުރިމަތިވެއްޖެ ހާލަތެއްގައި ތައްޔާރަށް ތިބުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ. މިހާތަނަށް ބެލިބެލުމުން ސީދާ ދިވެހިރާއްޖެއަށް އަމާޒުކޮށް ޓެރަރިސްޓު ހަމަލާއެއްގެ ނުރައްކަލެއް އޮތް ކަމަކަށް ނުބެލެވޭ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ. ހަމަލާއެއްގެ ނުރައްކަލަށް ތައްޔާރުވެ އޮތުމަށް ފުލުހުންނާއި ސިފައިން ސެކިއުރިޓީ ވަރުގަދަކޮށްފައިވާ އިރު، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑާއި ކަސްޓަމްސް އަދި އިމިގްރޭޝަނުން ވެސް ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ދީނީގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރަކީ ދިވެހި ސަރުކާރުން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ. މިހާރު ހެދިފައިވާ ގާނޫނޫތަކުގެ އިތުރުން ސަރުކާރުގެ މަތީ ފަންތީގެ ދެ ކޮމިޓީއެއް ކަމުގައިވާ ކައުންޓަރ ޓެރަރިޒަމް ސްޓިއަރިން ކޮމިޓީ އަދި ކައުންޓަރ ޓެރަރިޒަމް ކޮމިޓީން ޓެރަރިޒަމާ ދެކޮޅަށް އެދެވޭ މަސައްކަތްތަކެއް ކުރެވޭ ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

ދިވެހި ސަރުކާރުން މިހާރު ވެސް ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ މީހުންނަށް އަމާޒު ކޮށްގެން ރިހެބިލިޓޭޝަން ޕްރޮގްރާމެއް ތައްޔާރުކޮށް އެއަށް އަމަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މާރިޔާ ހާމަކުރެއްވިއެވެ. އަދި ނުރައްކާތަކުން ދިފާއުވުމަށް ދިވެހި ދިފާއީ ބާރުތަކުން އޮޕަރޭޝަނަލް ލެވަލްގައި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރަން ސަރަހައްދީ އޮނިގަނޑެއް ގާއިމްކުރަން ޖެހޭ ކަމަށް ވިދާޅުވެ މާރިޔާ ވަނީ ދެކުނު އޭޝިއާގެ ގައުމުތަކަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ބަދަލުވަމުންދާ ނުރައްކަލާ އެކު، ސަރަހައްދީ އެއްބާރުލުން އިތުރުކުރަން ގޮވާލައްވާފައެވެ. އަދި މި ނުރައްކަލަކީ ޓްރެފިކިން އާއި ގަން ރަނިން (ބަޑީގެ ވަގު ވިޔަފާރި) އަދި އެހެނިހެން ކުށްތަކުގެ ނުރައްކަލާ ގުޅިފައިވާ ކަމެއް ކަމަށް ވުމުން، ސަރަހައްދުގެ އެއް ގައުމަށް ޓެރަރިޒަމްގެ ހަމަލާއެއް ވަގުތު އަނެއް ގައުމަށް އޭގެ ނޭދެވޭ އަސަރުކުރުމުގެ ނުރައްކާ ވެސް އޮންނާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ގާއިމްކުރެވޭ އޮނިގަނޑެއްގައި އެންމެ އިސްކަން ދޭންޖެހޭނީ އިންޓެލިޖެންސާއި މައުލޫމާތު ބަދަލުކުރުން އަދި ދިފާއީ ކަންކަމުގައި އެއް ގައުމު އަނެއް ގައުމަށް ވާގިވެރިވުމަށް ކަމަށެވެ. މިފަދަ އޮނިގަނޑެއް ގާއިމްކުރަން ޖެހެނީ ވެސް މި ސަބަބާ އެކު ކަމަށް މާރިޔާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް