އެޖެންޑާ 19 ގެ ސިޔާސަތުތަކާ ގުޅޭ ކޮމިޓީތައް އެކުލަވާލައި މަސައްކަތް ފަށާފައިވާ ކަމަށް އެމްޑީޕީގެ ޑެޕިއުޓީ ޗެއަރޕާސަން އަދި ބާރަށު ދާއިރާއަށް އިންތިހާބުވެވަޑައިގެންފައިވާ އަހްމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.
މި ކޮމިޓީތަކުގެ މަސައްކަތަކީ އެޖެންޑާ 19 ގެ ދަށުން، އެމްޑީޕީން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ މަސައްކަތް ހިނގާނެ ގޮތާއި، ބިލްތައް މަޖިލީހަށް ހުށަހެޅުމުގެ ކުރިން ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ބެލުމެވެ.
އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނުގައި ބޭނުންކުރި އެޖެންޑާ 19 ގައި ހިމެނޭ މައިގަނޑު ފަސް ސިޔާސަތާ ގުޅޭ ފަސް ކޮމިޓީއެއް ވަނީ އެކުލަވާލާފައެވެ.
ކޮމިޓީގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭ ގޮތުން ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން އަހްމަދު ވިދާޅުވީ ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދަނީ އެކަން ކަމާ ގުޅޭ ތަޖުރުބާކާރުން މަޝްވަރާ އާއި އިރުޝާދާ އެކުގައި ކަމަށެވެ. ކޮމިޓީން ކުރިއަށް ގެންދަނީ ބިލްތައް އެކުލަވާލުމުގެ މަސައްކަތް ކަމަށާއި، މި މަސައްކަތް ކުރިއަށްދަނީ ސަރުކާރާ އެކުގައި ކަމަށް އަހްމަދު ވިދާޅުވިއެވެ.
އަހްމަދު ވިދާޅުވީ ކޮމިޓީތައް އެކުލަވާލައިގެން އެ މަސައްކަތް ފެށުމުގެ މައިގަނޑު ބޭނުމަކީ މަޖިލިސް ފެށެން ވާއިރަށް އެ މަސައްކަތްކޮށް ނިންމާފައި ބެހެއްޓުން ކަމަށެވެ.
އެމްޑީޕީން ތައްޔާރުކޮށްފައިވާ އެޖެންޑާ 19 ގައި ހިމެނޭ ބިލްތައް މަޖިލީހަށް ހުށަހަޅާނީ ސަރުކާރުންނެވެ.
އެޖެންޑާ 19 ގައި ހިމެނޭ މައިގަނޑު ފަސް ސިޔާސަތަކީ ޖަޒީރާ ދިރިއުޅުން، އޯގާތެރި ސަރުކާރު، ފަހުރުވެރި އާއިލާ އަދި ނޫ އިގްތިސާދެވެ.
އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިންގައި ރައްޔިތުންނަށް ވިއްކާފައި ވަނީ މި ފަސް ސިޔާސަތެވެ. އަދި އެ ސިޔާސަތުތައް ރައްޔިތުން ވަނީ ބަލައިގެންފައެވެ. އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށް، މިހާތަނަށް ރާއްޖޭގެ ބަރުލަމާނީ ހަޔާތުގައި އެއް ޕާޓީއަކަށް އެންމެ ގިނަ ގޮނޑި ލިބުނު ޕާޓީގެ ޝަރަފު ހޯދާފައެވެ. ކެމްޕެއިންގައި ވަކިވަކި ކެންޑިޑޭޓުން ޕްރޮމޯޓްކުރުމުގެ ބަދަލުގައި ބޭނުންކޮށްފައި ވަނީ ވެސް އެޖެންޑާ 19 މެނިފެސްޓޯއެވެ.