އާޓިސްޓުންގެ ޝަކުވާތައް އަޑު އިވިއްޖެ ކަމަށާއި އާޓް ގެލެރީއާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓެޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
އާޓް ގެލަރީ ކުރިމަތީގައި ހުރެގެން އާޓިސްޓަކު އޭނާގެ ޝަކުވާތައް ހަށިގަނޑުގައި ލިޔެގެން ހިއްސާކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އޭނާގެ އަތުގައި މިނިސްޓަރ ޔުމްނާ އަށް އާޓިސްޓުންގެ ޝަކުވާތައް އަޑުއިވޭތޯ ވެސް ވަނީ ސުވާލުކޮށްފައެވެ.
ޝަކުވާތައް ގައިގައި ލިޔެފައިވާ އެ ފޮޓޯއާ އެކު ޔުމްނާ ވަނީ އެކަމަނާއަށް ޝަކުވާ އާއި ކަންބޮޑުވުން އިވިފައިވާ ކަމަށް ވިދާޅުވެ ވަނީ ޓްވީޓެއް ކުރައްވާފައެވެ.
I hear you and we are working on your concerns about the Art Gallery. @FineArtMaldives @MACH_MV @NCA_MDV @ikramn pic.twitter.com/QRLLiB3lin
— Yumna Maumoon (@yumna_maumoon) May 10, 2019
އާޓިސްޓުންގެ ޖަމިއްޔާއެއް ކަމަށްވާ ފައިން އާޓްސް ގެލެރީ އިން ވަނީ ގައިގައި ކުރަހާފައިވާ މީހާގެ ފޮޓޯއާ އެކު ބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި ވަނީ އާޓިސްޓުންނަށް ހަދާފައިވާ އާޓް ގެލެރީ އެ މީހުންނަށް އެކަށީގެންވާ ގޮތަކަށް ބޭނުން ނުކުރެވޭ ކަމަށެވެ. އަދި އެތަން އާޓިސްޓުންނަށް ކުއްޔަށް ދޫކުރުމުން އެ މީހުންނަށް ކުރިއެރުމަށް އޮންނަ މަގު ހަނިވެގެން ދާކަމަށާއި އާންމުކޮށް އެތަން ބޭނުން ކުރެވޭ ގޮތަށް އޮންނަން ޖެހޭ ކަމަށެވެ.